ޚަބަރު

ރޯދަމަހު މޮރޮކޯގައި ތަގުރީރުދެއްވުމަށް މިނިސްޓަރު ޝަހީމަށް ދައުވަތެއް

އީޝަލް އަހުމަދު

1

ކުރިއަށްއޮތް ރަމަޟާން މަހު މޮރޮކޯގައި ތަގުރީރެއް ދެއްވުމަށް އެގައުމުގެ ސަރުކާރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދައުވަތު ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މޮރޮކޯގެ ނަން ރެސިޑެންޓް ސަފީރު މުހައްމަދު މަލިކީ، މިނިސްޓަރު ޝަހީމްއާ މިއަދު ބައްދަލުކުރައްވައި ރަމަޟާން މަހު މޮރޮކޯގައި ދީނީ ތަގުރީރެއް ދެއްވުމަށް އެ ގައުމުގެ ސަރުކާރުން ފޮނުއްވި ދައުވަތު ހަވާލުކުރައްވާފައިވާ ކަމަށެވެ.

މޮރޮކޯގައި ރަމަޟާން މަސް އިހުޔާކުރުމުގެ ގޮތުން ކުރިއަށްގެންދާ 'ހަސަނީ ފިލާވަޅު' އަކީ މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނައިގެ ބެއްލެވުމުގެ ދަށުން ބާއްވާ، މޮރޮކޯގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަތީ އިސްލާމީ ހަރަކާތެވެ. އެ ސެޝަންތަކަކީ އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިލްމުވެރިން ބައިވެރިވެ، ދީނީ އަދި ފިކުރީ މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރާ ސެޝަންތަކެކެވެ.

މިނިސްޓްރީން ބުނީ މޮރޮކޯގެ ސަފީރު ބައްދަލުކުރެއްވިކަމަށްޓަކައި މިނިސްޓަރު ޝަހީމް ޝުކުރު އަދާކުރައްވާފައިވާ ކަމަށާއި އަދި ރާއްޖެއާއި މޮރޮކޯއާ ގުޅިގެން ދީނީ ރޮނގުން ކުރިއަށްގެންދެވިދާނެ ކަންކަމާ ގުޅޭގޮތުން ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ މައުލޫމާތު މޮރޮކޯގެ ސަފީރަށް ޝަހީމް އަރުވާފައިވާ ކަމަށާއި އަދި މޮރޮކޯއިން އިމާމުން ތަމްރީންކުރުމަށް ހުރި އެކި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟