ޚަބަރު

މަކާރާއި ހީލަތުން ފައިސާ ހޯދުމަށް އޯޓީޕީގެ ބަދަލުގައި "ފްލޭޝް ކޯލްސް"، ސަމާލުވޭ!

އީޝަލް އަހުމަދު

އެކައުންޓް ކޮމްޕްރޮމައިޒްވެގެން ރިޕޯޓް ކުރާ މައްސަލަތަކުގެ އަދަދު މަދުވެފައިވީ ނަމަވެސް، މިހާރު މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން އެހެން އުކުޅެއް ބޭނުންކުރާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން އިލްސާމްކޮށްފިއެވެ.

ސައިބާ ކްރައިމް ސެންޓަރުން މިއަދު ބުނީ ވަންޓައިމް ޕާސްވޯޑު (އޯޓީޕީ) ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް މުއައްސަސާތަކާއި ދައުލަތުގެ އެކި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިވެ، އެފަަދަ މައްސަލަތައް ރިޕޯޓުކުރާ އަދަދު ވަނީ އިންތިހާއަށް މަދުވެފައި ކަމަށެވެ.

ނަމަވެސް އޯޓީޕީ އޮތަންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތަންޓިކޭޝަން މެތަޑެއް މިހާރު ތައާރަފުވެފައިވާކަން ސައިބާ ކްރައިމް ސެންޓަރުން ފާހަގަކުރެއެވެ. އެ ޓެކްނޮލޮޖީ އުފެއްދި ފަރާތުން ބުނާގޮތުގައި އެއީ އޯޓީޕީއަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު އޮތަންޓިކޭޝަން މެތަޑެއް ކަމަށާއި އަނެއްބަޔަކު ދެކޭގޮތުގައި އެ ބަދަލާއެކު ސްކޭމްގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އަނެއްކާވެސް އިންތިހާއަށް އިތުރުވެގެންދާނެ ކަމަށް ސައިބާ ކްރައިމް ސެންޓަރުން ބުންޏެވެ.

އެ ސެންޓަރުން ބުނީ އޯޓީޕީގެ ބަދަލުގައި "ފްލޭޝް ކޯލްސް" ތައާރަފުވެފައިވާ އިރު، ގިނަ ކުންފުނިތަކުން އެ އޮތަންޓިކޭޝަން މެތަޑަށް ކަސްޓަމާ އޮތަންޓިކޭޝަން މިހާރު ބަދަލު ކުރަމުންދާ ކަމަށާއި ނަމަވެސް ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށްވަމުންދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.

ފްލޭޝް ކޯލްސްއަކީ ކޮބާ؟

ފްލޭޝް ކޯލްސްއަކީ އޯޓީޕީގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ އޮތަންޓިކޭޝަން މެތަޑެކެވެ. ގިނަ ކުންފުނިތަކުން ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް ހިޔާރުކުރަން ފަށާފައިވަނީ އޯޓީޕީ އަކީ އެސްއެމްއެސްގެ ޒަރިއްޔާއިން ލިބޭ ޓެކްސްޓް މެސެޖަކަށްވާތީ އާއި ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ފަރާތްތަކުން އޯޓީޕީ އެސްއެމްއެސްއަށް ކަސްޓަމަރު އަތުން އަގެއް ނަގާތީއެވެ.

އޭގެ އިތުރުން އެސްއެމްއެސްގެ ޒަރިއްޔާއިން އޯޓީޕީ ފޮނުވުމުން އޯޓީޕީ ރައްދުވާ ފަރާތަށް އޯޓީޕީ ރައްދުވުމުގައިވެސް ލަސްތަކެއް އުޅޭތީ ކަމަށްވެއެވެ. ނަމަވެސް ފްލޭޝް ކޯލްސް ތަފާތެވެ. ފްލޭޝް ކޯލްސްއަކީ ކޯލްބޭސްޑް އޮތަންޓިކޭޝަން ޓެކްނޮލޮޖީއެވެ. ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަހެވެ. ފްލޭސް ކޯލަކީ ކަސްޓަމަރުގެ ފޯނަށް ހިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެކެވެ. ނުވަތަ ފޮނުވާ މިސް ކޯލެކެވެ. ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑެވެ. އެ ކޯޑު އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފިނަމަ އެ ހިއްސާ ކުރެވެނީ ހަމަ އޯޓީޕީއާ އެއްވަރުގެ ކޯޑެކެވެ.

އެހެންކަމުން، ފޯނަށް ލިބޭ ކޯޑެއް ވެސް އަދި ގުޅާފައި އޮތް ނަންބަރެއް ވެސް އަދި މިސްކޯލެއް ލިބިފައި އޮތް ނަންބަރެއް ވެސް ހިއްސާ ނުކުރުމަށް ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން އެދެއެވެ.