ފުލުހުންނަށް ދީފައިވާ ޕްރޮމޯޝަންތަކެއް ހުއްޓުވުމުގެ އަމުރެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުނު ގޮތަށް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް، ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރުންގެ ރޭންކުގެ އޮފިސަރުންނަށް ޕްރޮމޯޝަންތަކެއް ދީފައެވެ. އެއިރު އިންތިގާލީ މަރުހަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވަނީ ޕްރޮމޯޝަން ދިނުމުގެ ކަންކަން މަޑުޖައްސާލައި ދިނުމަށް އެދިފައެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ފުލުހުންނަށް ޕްރޮމޯޝަން ދީފައެވެ.
ޕްރޮމޯޝަން ދިން އޮފިސަރުންގެ ތެރޭގައި ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ލަފާދީފައިވާ ބައެއް އޮފިސަރުން ވެސް ހިމެނެއެވެ. 2021 ވަނަ އަހަރުގެ ތެރޭގައި ޕޮލިސް ބޯޑުން ލަފާދީފައިވަނީ އޭރުގެ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް ވަކި ކުރުމަށެވެ. އެ މައްސަލަ އެ އޮފިސަރުންގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
އެކަމާ ގުޅިގެން އެއިރު ފުލުހުން ބުނެފައިވަނީ އެ ޕްރޮމޯޝަންތައް ދިނުމަށް ނިންމާފައިވަނީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކަމަށެވެ. އަދި އެއީ ހިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައި ހުރި އުސޫލުތަކާ އެއްގޮތަށް ދެމުންދާ ޕްރޮމޯޝަންތަކެއް ކަމަށް ބުންޏެވެ.
"ޕްރޮމޯޝަން އޭރު ހަވާލުނުކުރީ އިންތިހާބު ކައިރިވެފައި އޮތުމުންނާއި އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީ،" ފުލުހުން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި އެ ޕްރޮމޯޝަންތައް ދީފައިވާކަން އެއިރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ރައީސް ޑރ. މުއިއްޒަށް އަންގަވައިފައެވެ.
އޭސީސީ 2023 ޑިސެމްބަރު ހަތްވަނަ ދުވަހު، އެ ޕްރޮމޯޝަންތައް ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދުނެވެ. އެ މައްސަލައިގައި އޭސީސީން ބުނެފައި ވަނީ، ފުލުހުންގެ ތެރެއިން ބައެއް އިސްވެރިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ހިދުމަތުގެ ވަކި މުވައްޒަފުން ތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން، މަގާމުގެ ކުރިއެރުން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އޭސީސީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނު"ގެ ދަށުން އެ ކޮމިޝަނުން ވަނީ، ވަކިގޮތެއް އަންގަންދެން ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމުގެ މަސައްކަތް މަޑުޖައްސާލަން އަންގާފައި ކަމަށެވެ.
ނަމަވެސް އެއީ ގާނޫނީ އިމުގެ ބޭރުން އެންގި އެންގުމެއް ކަމަށް ބުނެ އަދި އެ އެންގުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ބުނެ، ފުލުހުންގެ ހިދުމަތުން، އެ ހިދުމަތުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދީފައިވާ ކަމަށް ދައުވާގައި އޭސީސީން ވަނީ ބަޔާންކޮށްފައެވެ. ފުލުހުންގެ ހިދުމަތުގެ އެ އަމަލަކީ، އޭސީސީގެ ގާނޫނީ ޒިންމާ އާއި ވާޖިބު އަދާކުރުމަށް ހުރަސް އެޅުމަށް ކުރި ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންވެ، އޭސީސީން އެދިފައިވަނީ، މައްސަލައިގައި ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ނުވަތަ ފައިސަލާކުރަނިވި ހުކުމެއް ކުރެވެންދެން، ޕްރޮމޯޝަންގެ ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމުގެ އަމުރަކަށެވެ. މަގާމުގެ ކުރިއެރުން ލިބިގެން ތިންވަނަ ފަރާތެއްގެ ހައްގު އުފެދިދާނެ އެއްވެސް ކަމެއް ނުކުރުމަށާއި އެފަދަ ކަމެއް ކުރުމަށް ނިންމުމެއް ނިންމާފައިވާ ނަމަ، އެ ނިންމުން ތަންފީޒުކުރުން ހުއްޓުވުމަށާއި އެކަމާ ގުޅިގެން އިތުރު އެއްވެސް މަސައްކަތެއް ނުކުރުމަށާއި މައްސަލައިގައި ޝަރީއަތުން ކުރާ ހުކުމް ތަންފީޒު ކުރުމަށް ހުރަސް އެޅިދާނެ ފަދަ ނުވަތަ މަގުސަދު ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ. ސިވިލް ކޯޓުގެ އެ ނިންމުން އޭސީސީން ވަނީ ހައިކޯޓުގައި 2024 ޖެނުއަރީ 11 ވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ.
ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ މައްސަލައިގެ ގޮތެއް ނިންމި ރައުޔުގައި ވިދާޅުވީ ފުލުހުންނަށް ދީފައިވާ ޕްރޮމޯޝަންތައް މަޑުޖައްސަން އަމުރެއް ނެރެނުދީފިނަމަ ދައުލަތަށް މާލީ ގޮތުން އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް އޭސީސީގެ ފަރާތުން ފާހަގަ ކުރިޔަސް، އެކަމަކީ ސިވިލް ކޯޓުން ބަލައި ގޮތެއް ނިންމަންޖެހޭ ކަމެއް ކަމަށެވެ.
ފަނޑިޔާރު ޝަނީޒް ވިދާޅުވީ ފުލުހުންގެ ޕްރޮމޯޝަން މަޑުޖައްސައިލުމަށް އޭސީސީން އެދުނު ގޮތަށް އަމުރެއް ނެރެނުދޭ ހާލަތުގައި ވެސް އޭސީސީއަށް އެކަމުގެ ސަބަބުން ލިބިގެންދާނެ ގެއްލުންތަކަކީ ކޮބައިކަން ބަޔާންކޮށްދެވިފައިނުވާ ކަމަށެވެ. އޭސީސީން އެފަދަ އަމުރަކަށް އެދުނު އިރު ފުލުހުންނަށް ޕްރޮމޯޝަން ދީ ނިމިފައިވާ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ޕްރޮމޯޝަން ދިނުން ހުއްޓުވުމުގެ އަމުރެއް މިހާރު އޭސީސީން އެދުނު ގޮތަށް ނެރެދީފި ހާލަތެއްގައި ވެސް އިތުރަށް މި މައްސަލައިގައި ނުކުންނާނެ ނަތީޖާއެއް އޭސީސީގެ ފަރާތުން ބަޔާންކޮށްދީފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންވެ ފަނޑިޔާރު ޝަނީޒް ރައުޔު ކަނޑައެޅުއްވީ ވަގުތީ އަމުރު ނުނެރެފިނަމަ، އަމުރަށް އެދޭ ފަރާތަށް ލިބޭނެ ގެއްލުމުގެ ތަފްސީލު އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދެވިފައިނުވާތީ އާއި މި މައްސަލައިގައި
ބަޔާންކޮށްފައިވާ ކަންކަމަކީ އަސްލު މައްސަލައިގެ މައުލޫގެ ތެރެއިން ގޮތްކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންތައްތަކެއް ކަމަށްވުމުން، އޭސީސީން އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެދޭންޖެހޭ ސަބަބެއް މިހިނދަށް ނެތް ކަމަށެވެ. އަދި މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ބާތިލުކުރަން ފެންނަ ކަމަށް ފަނޑިޔާރު ޝަނީޒް ރައުޔުގައި ވިދާޅުވިއެވެ.
އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ ތާއީދު ކުރައްވައިފައެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ފަނޑިޔާރު ޝަނީޒް ވިދާޅުވީ ސިވިލް ކޯޓުގެ "ވަގުތީ އަމުރާމެދު ނިންމި ގޮތް" އަކީ އެ ނިންމުމަށް ވާސިލުވި ސަބަބުތައް އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދީފައިނުވާ ނިންމުމަކަށް ނުވާތީ އާއި އެ ނިންމުން ނިންމުމުގެ އަސްލު މައްސަލައިގެ މައުލޫއަށް އަސަރުކުރާނެ ނުކުތާއަކާ މެދު ގޮތެއް ކަނޑައަޅައިފައި ވާހިނދު, ސިވިލް ކޯޓުގެ އެ ނިންމުން ބާތިލު ކަމަށް ކަނޑައަޅާ ކަމަށެވެ.
ހުކުމުގައި އިތުރަށް ފަނޑިޔާރު ޝަނީޒް ވިދާޅުވީ އޭސީސީން އެދިފައިވާ ފަދައިން، އިސްތިއުނާފީ މަރުހަލާއިން، ވަގުތީ އަމުރެއް ނެރެދިނުމަށް ބެލިއިރު، ވަގުތީ އަމުރެއް ނެރެ ނުދީފިނަމަ، އަމުރަށް އެދޭ ފަރާތަށް ލިބޭނެ ގެއްލުމުގެ ތަފުސީލުގައި ބަޔާންކޮށްފައިވާ ކަންކަމަކީ އަސްލު މައްސަލައިގެ މައުލޫގައި ގޮތް ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންތައްތަކެއް ކަމުން، އޭސީސީން އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދޭންޖެހޭ ސަބަބެއް މިހިނދަށް ނެތް ކަމަށެވެ.