ބިލަބޮންގް ހައި އިންޓަނޭޝަނަލްގެ ގްރޭޑް ދިހައެއްގެ ދަރިވަރުން އިންތިޒާމް ކުރި "ޕީސްޑް ޓުގެދާ ރަން" އަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ދުވުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި ދުވުމަކީ ބިލަބޮންގް ހައި އިންޓަނޭޝަނަލްގެ ގްރޭޑް ދިހައެއްގެ ދަރިވަރުންގެ ފައިނަލް އޯ ލެވެލް ބިޒްނަސް ޕްރޮޖެކްޓްގެ ދަށުން އިންތިޒާމް ކުރި ހަރަކާތެކެވެ.
ޓްރީޓޮޕުން މިއަދު ބުނީ، އެ ދުވުމުގެ މެޑިކަލް ސަޕޯޓް ފޯރުކޮށްދިނުމުގެ އިތުރުން އެ މަޖެންސީ ހާލަތަށް އެހެނިހެން އެހީތެރިކަންވެސް ފޯރުކޮށްދީފައިވާ ކަމަށެވެ.
މި ދުވުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނަށް އިވެންޓެއް ރޭވުމާއި މާކެޓްކުރުމާއި އަދި އިވެންޓް ކުރިއަށް ގެންދިއުމުގެ ތަޖުރިބާ ހޯދައިދިނުން ކަމަށް ޓްރީޓޮޕުން ބުންޏެވެ.
ޓްރީޓޮޕުން ބުނީ ތައުލީމީ މަގުސަދެއް ހާސިލުކުރުމަށް ބޭއްވޭ އެ ފަދަ ހަރަކާތްތަކަށް އެހީތެރިވުމަކީ އެ ހޮސްޕިޓަލުން އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ސިއްހީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ހޭލުންތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ސިއްހީ ދާއިރާއަށް ޝައުގުވެރިވާ ދަރިވަރުންނަށް އެ ހޮސްޕިޓަލަށް ޒިޔާރަތްކޮށް މަސައްކަތް ބަލައިލުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. އެހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެސިއަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.