ޚަބަރު

ސައުދުﷲ މަރުވި އެކްސިޑެންޓު: ދެ ލޯންޗުގެ ކައްޕިންނަށް ދައުވާ ކުރަން ފޮނުވައިފި

މުހައްމަދު އިޝާން

މީގެ ދެ އަަހަރު ކުރިން ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައިގައި ދެ ލޯންޗު ދުއްވި ކެޕްޓަނުންނަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އެ އެކްސިޑެންޓުގައި މަރުވެފައިވަނީ ރާއްޖޭގެ ބޮޑު ކުންފުންޏެއް ކަމަށްވާ ސާސް-އީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހުމަދު (ސައުދު) އެވެ. މީގެ ކުރިން ރެއިންބޯ އާއި އަމީން ކޮންސްޓްރަކްޝަން ފަދަ ބޮޑެތި ކުންފުނިތަކެއްގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބ. ކުޑަރިކިލަށް އުފަން ސައުދަކީ އިޖުތިމާއީ ގިނަ މަސައްކަތްތަކަކަށް ވެސް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ބޭފުޅެކެވެ.

އެ ހާދިސާ ހިނގާފައިވަނީ 2023 އެޕްރީލް 29 ދުވަހު ހަވީރު 4:42 ހާއިރު ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހިގެންނެވެ. އެކްސިޑެންޓްގައި އަނިޔާވި ސައުދު މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެދުވަހުގެ 18:15 ހާއިރުއެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓާ ގުޅިގެން ކ. ކާށިދޫ، ހީނާވިލާ، ޔާނިސް ހަމީދު (35އ) އަދި ހދ. ނޮޅިވަރަމް، ގްރީންހައުސް، މުހައްމަދު ޖަމީލް (43އ) ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވާނެ ކަމަށެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަކީ އެ ދުވަހު އެކްސިޑެންޓް ހިނގި ވަގުތު އެ ދެ ލޯންޗު ދުއްވަން ތިބި މީހުން ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި އެ ދެ މީހުންގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އެންމެ ފުރަތަމަ މައްސަލަ ފޮނުވާފައިވަނީ 2023 ޖޫން 4 ގައި ކަމަށެވެ. ނަމަވެސް މައްސަލަ އިސްލާހު ކުރުމަށް އަނބުރާ ފޮނުުވުމަށްފަހު ދެ ވަނަ ފަހަރަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2025 ޖަނަވަރީ 15 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.