ޚަބަރު

މަޖިލިސް ގަވާއިދު 30 ދުވަހުގެ ތެރޭގައި އިސްލާހު ކުރަން 11 މެންބަރުންގެ ކޮމިޓީއެއް ފާސްކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 30 ދުވަހުގެ ތެރޭގައި އިސްލާހު ކުރުމަށް 11 މެންބަރުންގެ ކޮމިޓީއެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މި ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު، އާއި ރިމަރަފުށީ ދާިރާގެ މެންބަރު އަބުދުﷲ ރިޔާޒު، އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ސިޔާމު، އާއި ކުޑަހުވަދު ދާއިރާގެ މެންބަރު އަހުމަދު އާމިރު، އާއި ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އާއި ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފު، އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު، އާއި މަރަދޫ ދާީރާގެ މެންބަރު އިބްރާހިމް ޝަރީފު ގެ އިތުރުން ފުނާދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާއިން މި ކޮމިޓީ ފާސްކުރީ، ޖަލްސާގައި ތިއްބެވި 82 މެންބަރުންގެ ތެރެއިން ވޯޓު ދެއްްވި 79 މެންބަރުންގެ އިއްތިފާގުންނެެވެ.

މިހާރު އަމަލު ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކީ 2010 ވަނަ އަހަރު، އޭރު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވާލައި އަމަލު ކުރަމުންދާ ގަވާއިދެކެވެ.

ކޮންމެ މަޖިލީހަކުން ގަވާއިދު އިސްލާހުކުރަން ކަނޑައަޅާފައި އޮންނައިރު މި ގަވާއިދަށް އަމަލު ކުރަން ނިންމާފައިވަނީ ގަވާއިދު އިސްލާހުވެ ނިމެންދެންނެވެ.

ނަމަވެސް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުންވެސް މި ގަވާއިދު ފާސްކުރުމަށް ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ. އެހެން ނަމަވެސް ގަވާއިދު އިސްލާހުކޮށް ނިންމާފައެއްނުވެއެވެ.