ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ބީއެމްއެލްގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ މީހުންނެވެ. އަދި އެ މީހުންގެ ކިބައިގައި އެމްއެމްއޭގެ ޕްރެޑުންޝިއަލް ރެގިއުލޭޝަންގެ ފިޓް އެންޑް ޕްރޮޕާ ރިކުއާމެންޓްސްގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތަކާއި ބީއެމްއެލްގެ ހިންގާ ގަވާއިދުގައި ޑިރެކްޓަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާން ޖެހޭނެއެވެ.
ބީއެމްއެލް އިން ބުނީ، ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ މީހުންގެ ތެރެއިން އެމްއެމްއޭގެ ރެގިއުލޭޝަން އޮފް ކޯޕަރޭޓް ގަވަނެންސް ފޯ ބޭންކްސް، އިންޝުއަރެންސް ކޮމްޕެނީސް އެންޑް ފައިނޭސް ކޮމްޕެނީސް އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނެންސް ކޯޑުގެ ދަށުން ކަނޑައެޅިފައިވާ އިންޑިޕެންޑެންޓް ޑިރެކްޓަރެއްގެ ޝަރުތުތައް ހަމަވާ ފަރާތްތަކަށް އަހައްމިއްޔަތުކަން ދޭނެ ކަމަށެވެ.
ބީއެމްއެލްގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު މިއަދުން ފެށިގެން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްގެ ހެޑް އޮފީހުގެ ހަވަނަ ފަންގިފިލާ އިން ބަލައިގަންނާނެ ކަމަށެވެ.
ބޭންކުގެ ސެކްރެޓަރު އީމެއިލް އެޑްރެސް [email protected] އަށް ވެސް ލިޔެކިޔުން ހުށަހެޅޭނެއެވެ. އަދި ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ބީއެމްއެލްގެ ވެބްސައިޓު މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެއެވެ.