ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތްތައް އެ ކައުންސިލުން ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު މައުލޫމާތުދިން ގޮތުގައި، މިވަގުތު ވެސް ހުޅުމާލޭގައި ހުންނަ އަލްޘާނީ މިސްކިތުގައި ގަސް އިންދުން ކުރިއަށްދާ އިރު، ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒާ މުސާ މިސްކިތުގައި ކަތުރު ފަނި އަޅާފައިވާ މިމްބަރު ވަނީ ބަދަލުކޮށްފައެވެ. އަދި ހުޅުމާލޭގައި ބިނާކޮށްފައިވާ މަސްޖިދުލް އަމާނީ މަރާމާތުކޮށް ސާފުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން ފުރުގާން މިސްކިތުގައި ކުރަން ހުރި މަރަމާތުގެ މަސައްކަތްތަކާ ބެހޭގޮތުން ވެސް ކައުންސިލުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން އެ މިސްކިތުގައި އަމިއްލަ ފަރާތަކުން އޭސީ ހަރުކުރުމުގެ އިތުރުން، މިސްކިތް ޒީނަތްތެރި ކުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ހުޅުމާލެ މަސްޖިދުލް ޚައްތާބުގެ ފާހަނާގެ ދޮރުތަކާއި ޓައިލްސް ބަދަލުކޮށް، ވުޟޫކުރާ ބައި މަރާމާތުކޮށް ވަނީ ނިންމައިފައެވެ. އަދި މާލޭގެ މަސްޖިދުލް ތަގުވާ މިސްކިތް ވެސް ޒީނަތްތެރިކުރުމާއި ނަމާދުކުރާ ބައި ބޮޑުކުރުމަށް ނިންމުމުގެ އިތުރުން، އެ މިސްކިތުގައި އިތުރު ފާހާނައެއް ހެދުމަށް ކައުންސިލުން ވަނީ ނިންމައިފައެވެ.
މިސްކިތްތައް މަރާމާތުކުރުމުގެ އިތުރުން، ރޯދައަށް ތައްޔާރުވުމުގެ ގޮތުން، މާލޭގެ މަގުތަކުން ޕެލެޓްތައް ނަގައި، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަކުރުމުގެ މަސައްކަތްތައް ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ދަނީ ކުރަމުންނެވެ. އަދި ގޭގެއިން މަގުގެ ޕޭމަންޓުގައި ކުނި ބަހައްޓާފައި ހުރޭތޯ ބެލުމާއި، ނެރިފައި ހުންނަ ކުނިތައް އުކުމާއި މާލޭގެ މަގުތައް މިހާރަށްވުރެ ބޮޑަށް ބެލެހެއްޓުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.