ޚަބަރު

އަހުމަދު ނާޝިދާއި އަބުދުﷲ ނާޝިދު، އޭސީސީގެ މެންބަރު ކަމަށް އައްޔަންކުރައްވައިފި

އިބްރާހިމް ޒަކީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ މެންބަރުކަމަށް، ދެ ބޭފުޅުން މިއަދު އައްޔަން ކުރައްވައިފިއެވެ.

‎އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވީ، މއ. ގޯލްޑަންމޫން، އަހުމަދު ނާޝިދު އަދި ރ. އަލިފުށި، ފަސާނާ، އަބުދުﷲ ނާޝިދުއެވެ.

‎އަހުމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

‎އަބުދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓާ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އަބުދުﷲ ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

‎އޭސީސީގެ މެންބަރުކަމަށް އެ ދެ ބޭފުޅުން އައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އޭސީސީގެ މެންބަރުކަމުގެ ހުވައި ކުރައްވައިފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އޭސީސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ މި ދެ ބޭފުޅުންނާ ހަވާލުކޮށްދެއްވައިފައެވެ.