މާލެ ސަރަހައްދުން ޓޯކޮށްފައިވާ 446 އުޅަނދު ފުލުހުން ނައްތާލައިފިއެވެ.
ފުލުހުން އިއްޔެ ބުނީ، ޓޯ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެން ގޮސް ހުރި ދެ ފުރޮޅުލީ 378 އުޅަނދާއި ހަތަރު ފުރޮޅުލީ 40 އުޅަނދު އަދި 28 ބައިސްކަލާ އެކު ޖުމުލަ 446 އެއްގަމު އުޅަނދު ގަވާއިދުގައިވާ ގޮތުގެ މަތިން އިއްޔެ ނައްތާލާފައިވާ ކަމަށެވެ.
ޓޯ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ނައްތާލަނީ، ވަކި މުއްދަތެއް ދިނުމަށްފަހު އޭގެ ވެރިފަރާތުން ނުގެން ގޮސް ހުންނަ އުޅަނދުތަކެވެ.
ޓޯ ކޮށްފައިވާ އުޅަނދުތަކެއް ނައްތާލާފައިވާ އިރު، މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކޮށް، ނައްތާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލް އަދި ފުލުހުންނާއި ވެމްކޯ ގުޅިގެން މިދިޔަ އަހަރުގެ ވަނީ ޕްރޮގްރާމް ތަކެއް ހިންގައިފައެވެ. އެ ޕްރޮގްރާމްތަކުގެ ތެރެއިން ގިނަ އުޅަނދު ތަކެއް ވަނީ ޓޯކޮށް ނައްތާލައިފައެވެ.