އުރީދޫ

އެމްފައިސާ މެދުވެރިކޮށް ވިލާ ގޭހަށް އޯޑަރުކޮށް ފައިސާ ދެއްކުމުގެ ހިދުމަތް ތައާރަފުކޮށްފި

އުރީދޫގެ އެމް ފައިސާ މެދުވެރިކޮށް ވިލާ ގޭހަށް އޯޑަރު ކުރުމާއި ފައިސާ ދެއްކޭނެ ހިދުމަތް ތައާރަފުކޮށްފިއެވެ.

މި ހިދުމަތް މިއަދު ތައާރަފުކޮށް އުރީދޫ އާއި ވިލާ ގޭހުގެ ފަރާތުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާނެވެ. ވިލާ ގޭހުގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ހަކަތަައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ރަޝީދެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި، ކަސްޓަމަރުންގެ އާންމު ދިރިއުޅުމުގައި ކުރާ މަސައްކަތްތަކަށް ލުއިކަމެއް ފޯރުކޮށްދިނުމަކީ އުރީދޫގެ އަމާޒެއް ކަމަށެވެ.

އެގޮތުން އެމް ފައިސާ އަކީ އެއް ޕްލެޓްފޯމެއްގައި އެންމެ ގިނަ ބިލުތަކެއް ދައްކައިލެވޭ ހިދުމަތްކަން ފާހަގަކުރައްވައި ނަޖީބު ހާން ވިދާޅުވީ މި ޕްލެޓްފޯމުގެ ޕާޓްނަރުންގެ ވިއުގައަށް ވިލާ ގޭހަށް މަރުހަބާ ކިޔައި، މިކަމުގެ ސަބަބުން ވިލާ ގޭސް ބޭނުންކުރާ ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

އަދި ވިލާ ގޭހާއެކު މިފަދަ އެއްބަސްވުމެއް ވެގެން ދިޔުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ނަޖީބު ހާން ވިދާޅުވިއެވެ.

އުރީދޫ އެމް ފައިސާ އަކީ ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އަދި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.