ޚަބަރު

އިބްރާހިމް މުހައްމަދުގެ ކެންޑިޑެންސީ ބަލައިގަތުމަށް ހައިކޯޓުން އީސީއަށް އަމުރުކޮށްފި

އިބްރާހިމް ޒަކީ

ހދ. މަކުނުދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުށަހެޅި މ. ކަރާ/ ދުނބުރިއާގެ އިބްރާހިމް މުހައްމަދުގެ ކެންޑިޑެންސީ ބަލައިގަތުމަށް ހައިކޯޓުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މައްޗަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ އަންނަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު އެ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ނިންމައި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އިބްރާހިމް މުހައްމަދު އިންތިހާބަށް ކުރިމަތިލުމުން އޭނާގެ ކެންޑިޑެންސީ އީސީން ބާތިލުކުރުުމުން ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އިބްރާހިމް މުހައްމަދު ބުނެފައި ވަނީ، އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ސުންގަޑި މި މަހުގެ ހަވަނަ ދުވަހުގެ 2:00 އަށް ހަމަވާން އޮއްވައި، އެ ދުވަހުގެ 1:41 އާއި 1:46 އާ ދެމެދު އިންތިހާބުގައި ބައިވެރިވާ ފޯމާއި އީސީން ބުނި ހުރިހާ މައުލޫމާތެއް އެ ކޮމިޝަނަށް ފޯނުން ގުޅައިގެންހުރެ އެތަނަށް މެއިލްކުރި ކަމަށެވެ. އެ މެއިލްތައް ލިބުނު ކަމަށް ބުނެ އިދާރީ ފީއަށް ދައްކަންޖެހޭ ފައިސާވެސް އީސީން އެޕްރޫވްކުރި ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ ހުށަހަޅާފައިނުވާ ކަމަށް ބުނެ، ހަމަ އެ ދުވަހު ލިޔެ ސޮއިކޮށްފައިވާ އީސީގެ ލިޔުމަކުން އޭނާގެ ކެންޑިޑެންސީ ގަބޫލުނުކުރާ ކަމަށް މި މަހުގެ ހަތްވަނަ ދުވަހު އީސީން އެންގި ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ކަންހިނގާދިޔަ ގޮތް ބަޔާންކޮށް، އިބްރާހިމް މުހައްމަދުގެ ފަރާތުން މި މަހުގެ އަށްވަނަ ދުވަހު ސިޓީންނާއި މެއިލުން ހުށަހަޅައި، ކެންޑިޑެންސީ ބަލައި ނުގަތުމަށް ނިންމި ނިންމުން އަލުން ބަލައި، އޭނާގެ ފޯމު ބަލައިގަނެ އިންތިހާބުގައި ބައިވެރިވެވޭ ގޮތް ހަދައިދިނުމަށް ހުށަހެޅިއެވެ.

ނަމަވެސް ކާޑުގެ ދެ ފުށުގެ ސާފު ފޮޓޯކޮޕީއެއް ލިބިފައިނުވާ ކަމަށް ބުނެ، ސުންގަޑި ހަމަވިއިރު އިންތިހާބަށް ކުރިމަތިލީ އެއްމެ ކެނޑިޑޭޓެއް ކަމަށް ބުނެ މިމަހުގެ ނުވަ ވަނަ ދުވަހު އެ ކެނޑިޑޭޓް އިންތިހާބު ކާމިޔާބު ކުރިކަން އީސީން އިއުލާންކުރި ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ގެއްލިފައިވާ ކަމަށް ބުނެ އިބްރާހިމް މުހައްމަދުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

މި މައްސަލަ ބެލުމަށްފަހު މައްސަލަަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި މައްސަލައިގައި ކަންހިންގާފައިވާ ގޮތަށް ބަލާއިރު އިބްރާހިމް މުހައްމަދު އީސީއަށް ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ލިބިފައިނުވާ ކަމަށް ބުނެ އީސީން އޭނާގެ ކެންޑިޑެންސީ ބާތިލުކުރީ ސައްހަ ގާނޫނީ އަސާސެއްގެ މައްޗަށް ކަމަށް ބުރަވެވެން ނެތުމުން، އޭނާގެ ކެންޑިޑެންސީ އީސީން ގަބޫލުރަންޖެހޭ ކަމަށް ކަނޑައަޅައި އެގޮތަށް އަމަލުކުރުމަށް އީސީގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.