ޚަބަރު

ބިދޭސީން ހަމަނުޖެހުން ހިންގާ ތަންތަން އިމިގްރޭޝަނުން މޮނިޓާކުރަން ފަށައިފި

މުހައްމަދު އިޝާން

އާންމު ސަރަހައްދުތަކަށް އެއްވެ ބިދޭސީން މާރާމާރީ ހިންގައި ހަމަނުޖެހުން ހިންގަމުންދާތީ އާންމު ސަރަހައްދުތައް މޮނިޓާކުރުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން "އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާންމު މަސްލަހަތު ގެއްލޭ ކަންކަން ހިންގަމުންދާތީ" އެފަދަ ސަރަހައްދުތައް މޮނިޓާކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

މޮނިޓަރިންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ދެނެގަނެވިއްޖެނަމަ، ޓާސްކް ފޯސްއިން ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ބިދޭސީން އެއްވާ އާންމު ތަންތަން މޮނިޓާކުރުން ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް ވަނީ މާރާމާރީ ހިންގައިފައެވެ. އިމިގްރޭޝަން މިދިޔަ މަހުގެ 16 ވަނަ ދުވަހު ބުނެފައިވަނީ އެ މާރާމާރީގައި އިސްކޮށް ހަރަކާތްތެރިވި އަމްރިތް ސިންގް (25އ) ޑީޕޯޓް ކޮށްލުމަށް ނިންމައިފައިވާ ކަމަށެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު މިމަހުގެ 19 ގައި "ވަން" އަށް ވިދާޅުވެފައިވަނީ އަމްރިތް ސިންގަ މިމަހުގެ ފަސްވަނަ ދުވަހު ރާއްޖެއިން ޑީޕޯޓްކޮށްލައިފައިވާ ކަމަށެވެ.

އެފަހުން މިމަހުގެ 17 ވަނަ ދުވަހު އިންޑިއާއަށް ނިސްބަތްވާ ބަޔަކު ވަނީ އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގައިފައެވެ. އެ މާރާމާރީއާ ގުޅިގެން ޝަމްއާން މިމަހު 18 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާރާމާރީ ހިންގި ތިން މީހުން ވެސް މިހާރު ތިބީ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށާއި އެ އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް އެފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް ކޮންޓްރޯލަރު ވަނީ ވިދާޅުވެފައެވެ.