ޚަބަރު

ހާއްސަ އޮޑިޓް ރިޕޯޓު: ފުލުހުންގެ ފުލެޓަށް 480 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށް، ކޮރަޕްޝަންގެ އަމަލުތަކެއް!

ފުލުހުންގެ ހައުސިން މަޝްރޫއު (ބްލޫސް ހައުސިން ޕްރޮޖެކްޓު)ގެ ދަށުން ފުލެޓު އިމާރާކުރުމަށް 480 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށް، ކޮރަޕްޝަންގެ އަމަލުތަކެއް ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓް އޮފީހުން މިއަދު އާންމުކުރި ރިޕޯޓްގައި ވަނީ މި މަޝްރޫއަށް ޖުމްލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ އަކަފޫޓަކަށް (ޖުމްލަ 573،332 އަކަފޫޓު) 1851 ރުފިޔާގެ ރޭޓުން ކަމަށެވެ.

ނަމަވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކާއި އަމިއްލަ ފަރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަގުތަކަށް ބަލާ އިރު، މިފަދަ ކޮންސްޓްރަކްޝަން މަސައްކަތުގެ އެވަރެޖު އަގަކީ އަކަފޫޓަކަށް 1300 އާއި 1500 ރުފިޔާ ކަމަށް ވެސް ރިޕޯޓްގައިވެއެވެ.

މި ރޭޓުތަކަށް ބަލާނަމަ މި މަޝްރޫއުގެ އަގަށް ޖެހޭނީ 745.3 މިލިއަން ރުފިޔާ ކަމަށާއި އެންމެ ބޮޑުވެގެން ވެސް ހަރަދުވާނެ ކަމަށް ބެލެވެނީ 859.9 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މި މަޝްރޫއަށް 354.7 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

މި މަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައި 580 މިލިއަން ރުފިޔާއާ އަޅައި ބަލާ އިރު، މި މަޝްރޫއަށް މިހާތަނަށް ހިނގާފައިވާ 481 މިލިއަން ރުފިޔާ އިތުރުވެ، ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވުމުން، ދައްކައިދެނީ މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލްކަން ޕޮލްކޯގައި ނެތް ކަމާއި ކޮންޓްރެކްޓަރުންނަށް ފައިދާވާގޮތަށް އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވުމާއި އަދި ފްރޯޑާއި ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރޭގައި ހިނގާފައިވާ ކަމެވެ،" އޮޑިޓް ރިޕޯޓްގައިވެއެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން މި މަޝްރޫއުގެ ބީލަމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށެވެ.

އެގޮތުން 30 ޖޫން 2013 ގައި ނޫމަޑިއަށް 500 މިލިއަން ރުފިޔާއަށް 300 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ބީލަން ސަރުކާރުގެ ގެޒެޓުގައި އިއުލާން ނުކޮށް ކަމަށާއި އަދި މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ހޮވުމަށްޓަކައި ޓެންޑާ އިވޭލުއޭޝަން ބޯޑަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރުގެ މާލީ އަދި ފަންނީ ގާބިލުކަމާއި ތަޖުރިބާ ވަޒަން ކޮށްފައިނުވުމުގެ ސަބަބުން ވަކި ހިސާބަކުން ކޮންޓްރެކްޓަރު މަސައްކަތުން ވަކިކޮށް އެހެންފަރާތަކަށް މަސައްކަތް ހަވާލުކުރަންޖެހި، މަޝްރޫއުގެ ހަރަދު އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.