ރ. ފައިނުގައި، އެއާޕޯޓު އެޅުމަށް މިއަންނަ މަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ މާޗު މަހުގެ 28 ގައި ރައީސް ނެރުއްވި ގަރާރެއްގައި ވަނީ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމުގެ ގަރާރަށް އިސްލާހުތަކެއް ގެންނަވައި އާ ގަރާރެއް ނެރުއްވައިފައެވެ.
އެ ގަރާރުގައި އަލަށް ހިންގުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުތަކާއި އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުތަކުގެ އިތުރުން އައްސޭރި ޓޫރިޒަމް ހިންގަން ނިންމާފައިވާ ސަރަހައްދުތަކާއި އެ މަޝްރޫއުތަކަށް އެންމެ ދަށްވެގެން އިންވެސްޓް ކުރަންޖެހޭ އަދަދު ރައީސް ވަނީ ގަރާރުން ކަނޑައަޅުއްވައިފައެވެ.
ރ. އަތޮޅުގެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ފައިނަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފައިނުގެ ތަރައްގީއަށް ކުރަންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވެސް ފައިނުގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައި ކަމަށާއި އެއީ ފައިނުގެ ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫއު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު ތިބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެމްޓީސީސީއާއެކީގައި މި އަންނަ މަހު، ފެބްރުއަރީ މަހުގެ ތެރޭގައި އެގްރީމެންޓް ކުރުމަށް މިހާރު ނިންމާފައިވާ ވާހަކަ، އިރާދަކުރެއްވިއްޔާ އެއަށްފަހު އަމަލީ މަސައްކަތް ވަރަށް އަވަހަށް މި ރަށުގައި އެއާޕޯޓު އެޅުމަށް ފަށާނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑު މި ރަށަށް އަންނަން އުންމީދު ކުރަނީ މި އެއާޕޯޓް ހުޅުވަން އިރާދަކުރެއްވިއްޔާ"
ރައީސް ވިދާޅުވީ ފައިނުގެ ފެނާއި ނަރުދަމާގެ ބައެއް، އެއާޕޯޓު އެޅުމަށް ނިންމައިފައިވާ ސަރަހައްދުގައި ހިމެނޭތީ އެކަމަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އެ ބަދަލުތައް ގެންނާނީ އެއާޕޯޓް އެޅުމުގެ މަޝްރޫއުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ފެނާއި ނަރުދަމާގެ ބައެއް އެއާޕޯޓު އެޅުމަށް ނިންމާފައިވާ ސަރަހައްދުގައި ކުރީ ސަރުކާރުން ހިމަނައިފައިވަނީ އެއާޕޯޓު އެޅުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ފައިނުގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓުގެ ސަބަބުން އެ ރަށު ރައްޔިތުންނަށް އިގުތިސޯދީ ގޮތުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ފައިނުގައި ވަޒީފާތަކަށް ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާޕޯޓުގެ ސަބަބުން ފައިނު ސަރަހައްދަށް ގިނަ ރިސޯޓުތަކެއް އައުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ފައިނުގެ ސިއްހީ ނިޒާމަށް ބޭނުންވާ ކަންކަމާއި ސްކޫލަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދެއްވައި ކުޅިވަރު ފެސިލިޓީސްތައް ގާއިމުކޮށްދޭނެ ކަމަށެވެ. ބަނދަރަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް އެއާޕޯޓަށްފަހު ވަރަށް މުހިންމު ވެގެންދާނެތީ އެކަން ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.