މުޙައްމަދު ޝަމްޢޫން
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީ ކައިރިން ބަލިވެ، މެންޗެސްޓާ ސިޓީ މުބާރާތުން ކެޓުމާ ދިމާލަށް މިސްރާބު ޖެހި އިރު، އާސެނަލުން ކުޅުނު މެޗު ކާމިޔާބުކޮށް ގަދަ 16 ޔަގީން ކޮށްފިއެވެ.
ސިޓީން ރޭ ޕީއެސްޖީ ކައިރިން ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު މިހާތަނަށް ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ސިޓީން ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމު މޮޅުވީ ދެމެޗުންނެވެ. އެއާއެކު ތާވަލުގެ 25 ވަނައިގައި އޮތީ އަށް ޕޮއިންޓާއެކުގައެވެ.
މިއަހަރު ޗެމްޕިއަންސް ލީގުގެ ފޯމެޓަށް ގެނައި ބަދަލާއެކު ގަދަ އަށް ޓީމު ސީދާ ގަދަ 16 އަށް ދާއިރު، ނުވަ ވަނައިން ފެށިގެން 24 ވަނައާ ދެމެދުގެ ޓީމުތައް ދާނީ ގަދަ 16 ގެ ޕްލޭ އޮފްއަށެވެ. މިހާރު ސިޓީ އޮތް ހާލަތުން ބާކީ އޮތް މެޗުގައި މޮޅެއް ހޯދަން މަޖުބޫރުވެ، ދެން އޮތް ޓީމުތަކުގެ ނަތީޖާއަށްވެސް ބަރޯސާ ވާން ޖެހޭނެއެވެ.
ޕީއެސްޖީން ރޭ ހޯދި މޮޅާއެކު އެޓީމުން 22 ވަނައަށް ޖެހިލީ ހަތް މެޗުން 10 ޕޮއިންޓާއެކުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ބޮޑަށް ނުރައްކާ ކުރަމުން ދިޔަ ނަމަވެސް، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، ސިޓީން ފުލުފުލުގައި ދެ ގޯލު ޖެހިއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ސިޓީގެ ގޯލުތައް ޖެހީ ޖެކް ގްރީލިޝްއާއި އާލިން ހާލަންޑެވެ.
އެ ދެގޯލައިން ސިޓީ ލީޑު ނެގި ނަމަވެސް، ނުރައްކާ ކުރަމުން ދިޔަ ޕީއެސްޖީންވެސް ފުލުފުލުގައި ދެ ގޯލު ޖަހައި، މެޗު އެއްވަރުކުރިއެވެ. އެޓީމަށް ގޯލުތައް ޖަހައިދިނީ އުސްމާން ޑެމްބެލޭއާއި ބްރެޑްލީ ބާކޯލާއެވެ.
އޭގެ އިރުކޮޅެއްފަހުން ޑެމްބެލޭގެ ހަމަލާއެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، ޕީއެސްޖީގެ ތިންވަނަ ގޯލު ޖެހީ ޖާއޯ ނެވޭސްއެވެ. އަދި މެޗު ނިމިނިމި އޮއްވާ ގޮންކަލޯ ރާމޯސް ޖެހި ގޯލުވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ޕީއެސްޖީއަށް ދީފައެވެ.
އާސެނަލް ގަދަ 16 ޔަގީންކުރީ ރޭ ޑައިނަމޯ ޒަގްރެބް ކައިރިން 3-0 އިން މޮޅުވެގެންނެވެ. އަމިއްލަ ދަނޑުގައި ރޭ އާސެނަލް ހޯދި މޮޅާއެކު އެޓީމަށް ގަދަ އަށެއްގައި ހިމެނިގެން ގަދަ 16 އަށް ދާން ފުރުސަތު ލިބުނީ ހަތް މެޗުން 16 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތުމުންނެވެ.
ރޭ އާސެނަލަށް ދެވަނަ މިނެޓުގައި ލީޑު ނަގައިދިނީ ޑެކްލަން ރައިސްއެވެ. އޭގެފަހުން 66 ވަނަ މިނެޓުގައި ހަވާޓްސް އާސެނަލަށް ދެވަނަ ގޯލެއް ޖަހައިދިން އިރު، އެޓީމުން ތިންވަނަ ގޯލެއް ޖެހީ މާޓިން އޮޑެގާޑެވެ. އެއީ ފަހު މިނެޓުގައެވެ.