އިބްރާހިމް ޒަކީ
ޖުޑީޝަލް ސަރވިސް ކަމިޝަން(ޖޭއެސްސީ)އަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ނަން ހުށައެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ރޭ ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރެއް ކަނޑައެޅުމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ވެސް ހުށަހަޅުއްވާފައިވަނީ ހިސާންގެ ނަން އެކަންޏެވެ.
ހިސާންގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ، މަރަދޫދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. ހިސާންގެ ނަންފުޅަށް ތާއީދު ކުރެއްވީ، ހުޅުދޫ ދާއިރާގެ އިލިޔާސް ލަބީބެވެ. އިލިޔާސް ލަބީބުގެ އިތުރުން އެހެންބައެއް މެންބަރުންވެސް ހިސާންގެ ނަންފުޅަށް ވަނީ ތާއީދު ކުރައްވައިފައެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ހިސާންގެ ނަންފުޅަށް ވޯޓަށް އެހުން އޮންނާނީ މިއަދު މަޖިލީހުގެ ވޯޓަށް އަހާ ގަޑީގައި ކަމަށެވެ.