އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ސައޫދީ އަރަބިއްޔާއަށް ފުރާ ވަޑައިގަންނަވައިފިއެވެ.
މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ މައްކާގައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އޯއައިސީ ސަމިޓަކީ ސައުދީ އަރަބިއްޔާއާއިއެކު ހާރިޖީ ގުޅުންތައް ވަރުގަދަކޮށް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއަށް މަގުފަހިވެގެންދާ ފުރުސަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ސައުދީ އަރަބިއްޔާއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އުމްރާގެ އަޅުކަން އަދާކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ސަމިޓަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ބެހޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ.
އެގޮތުން މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ އަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާބެހޭ ގޮތުން މި ސަމިޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.
1969ގައި އޯއައިސީ އުފެދުމާއެކު އެޖަމާއަތް ވެގެން ގޮސްފައި ވަނީ މުޅި މުސްލިމު އުންމަތުގެ އަޑު އިއްވައިދޭ ފަރާތްކަމުގައެވެ. ބިލިޔަނަކަށްވުރެ ގިނަ މުސްލިމުން ތަމްސީލުކުރުމަށް އޯއައިސީގައި މިހާރު 57 މެންބަރު ގައުމު ބައިވެރިވެއެވެ.
މުސްލިމު އުންމަތަށް އެންމެ މުހިންމު ކަންކަމާމެދު މަޝްވަރާކުރުމަށް އޯއައިސީގެ ބައްދަލުވުން ބާއްވަމުން އަންނަނީ ކޮންމެ 3 އަހަރަކުން އެއްއަހަރުއެވެ.