ޔޫއެފާ ޗެމްޕިއަންސް ލީގު

ލިވަޕޫލް ގަދަ 16 އަށް، ބާސާއިން ބެންފިކާ ކައިރިން ސަލާމަތްވީ ކިރިޔާ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ލިވަޕޫލާއި ބާސެލޯނާއިން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.

ލިވަޕޫލުން މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތް މެޗުންވެސް މޮޅުވެ، އެޓީމު ތާވަލުގެ އެއްވަނައިގައި އޮތީ 21 ޕޮއިންޓާއެކުގައެވެ. އެ ނަތީޖާއާއެކު ލިވަޕޫލަށް ވަނީ ގަދަ 16 ޔަގީންވެފައެވެ. ބާސާއިން ރޭ ބެންފިކާ ކައިރިން ތަފާތު މޮޅެއް ހޯދި އިރު، އެޓީމު ދެވަނައިގައި އޮތީ ހަތް މެޗުން 18 ޕޮއިންޓާއެކުގައެވެ.

ބާސާއިންވެސް ގަދަ 16 ގެ އުންމީދު ބޮޑުކޮށްފައިވާ އިރު، ރޭ ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ވަނީ ދިހަ ކުޅުންތެރިންނާއެކު މެޗު ނިންމާލި ބަޔާން ލެވަކޫސަން ކައިރިން 2-1 އިން މޮޅުވެފައެވެ. އެތުލެޓިކޯއިން ވަނީ ހަތް މެޗުން 15 ޕޮއިންޓް ހޯދައިފައެވެ.

ލިވަޕޫލުން ރޭ ލިލް ކައިރިން 2-1 އިން މޮޅުވި މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ލިވަޕޫލުންނެވެ. ރޭގެ މެޗަށް ނުކުތް އިރު ލިލްއިން އެންމެފަހުން ކުޅުނު 21 މެޗުގައިވެސް ބަލިނުވެ އޮތް ނަމަވެސް، މުހައްމަދު ސަލާހް ވަނީ ފުރަތަމަ ހާފުގައި އެޓީމު ކޮޅަށް ގޯލު ޖަހައިފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 69 ވަނަ މިނެޓުގައި ލިލްގެ އައިސާ މެންޑީއަށް ރަތް ކާޑު ދެއްކުމާއެކު ލިވަޕޫލަށް އިތުރަށް މެޗު ފަސޭހަވި އިރު، އޭގެ އިރުކޮޅެއްފަހުން ހާވީ އެލިއެޓް ވަނީ ލިވަޕޫލްގެ ލީޑު ފުޅާ ކޮށްދީފައެވެ.

ލިވަޕޫލް ކޮޅަށް މެޗުގައި ލިލްގެ ގޯލު ޖެހީ ޖޮނަތަން ޑޭވިޑެވެ.

ބާސާއިން ރަށުން ބޭރުގައި ބެންފިކާ ކައިރިން މޮޅުވީ 5-4 އިންނެވެ. އެއީ ފަހު މިނެޓުގައި ރަފީނިއާ ޖެހި ގޯލާއެކުގައެވެ.

މެޗުގައި ބެންފިކާގެ ފޯވަޑް، ވަންގެލިސް ޕަވްލިޑިސް ހެޓްރިކް ހެދި އިރު، ފުރަތަމަ ހާފުގައި އޭނާގެ ތިން ގޯލު ފެނިގެން ގޮސްފައިވެއެވެ. އޭގެ ތެރެއިން ދެ ގޯލަކީ ބާސާގެ ގޯލްކީޕަރު ވޯޝެކް ޝެޒްނީ ހެދި ދެ ގޯހަކުން ފެނިގެން ދިޔަ ދެ ގޯލެވެ.

ފުރަތަމަ ހާފުގައި ރޮބާޓް ލެވަންޑޯސްކީގެ ޕެނަލްޓީއަކުން ބާސާއަށް ހަމަޖެހުމެއް ލިބުނު އިރު، ދެވަނަ ހާފުގައި ރަފީނިއާ އިތުރު ގޯލެއް ޖަހައި ފަރަގު ކުޑަކުރިއެވެ. އޭގެފަހުން ރޮނާލްޑް އަރައޫހޯ އަތުން ބައިކޮޅަށް ގޯލެއް ވަދެ، ބާސާއަށް އުނދަގޫވި ނަމަވެސް، އެރިކް ގާސިއާ ޖެހި ގޯލާއި ރަފީނިއާ ފަހު މިނެޓު ކޮޅުގައި ޖެހި ގޯލުން ބާސާ ނަތީޖާ އަނބުރާލިއެވެ.

ބެންފިކާއިން މެޗު ނިންމާލީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އަރުތޫރު ކަބްރަލް އަށް ދެއްކި ރަތް ކާޑާއެކުގައެވެ.