ތިން ރަށެއްގައި ހުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުތައް ބީއެމްއެލް އިސްލާމިކަށް ބަދަލުކޮށްފިއެވެ.
ބީއެމްއެލް އިސްލާމިކަށް ދިހަ އަހަރު ފުރުމާ ގުޅިގެން އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބ. އޭދަފުށި، އދ. މަހިބަދޫ އަދި ލ. ގަމުގައި ހުރި ބީއެމްއެލްގެ ބްރާންޗު ބީއެމްއެލް އިސްލާމިކްގެ ބްރާންޗުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ބީއެމްއެލުން ބުނީ، އެ ބޭންކުގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން އޭދަފުށި، މަހިބަދޫ އަދި ގަން ބްރާންޗުތައް މިހާރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ބްރާންޗްތަކަކަށް ރީބްރޭންޑްކޮށް، އެ ބްރާންޗުތަކުން ހިދުމަތްދެމުން އަންނާނީ އިސްލާމިކް ބޭންކިންގެ ހިދުމަތްތަކަށް އިސްކަންދީގެން ކަމަށެވެ.
އެ ބަޔާނުގައި ބުނީ ބީއެމްއެލް އިސްލާމިކް ގާއިމުކުރެވުނީއްސުރެ އިސްލާމިކް ބޭންކިން ހިދުމަތްދެމުން އަންނަނީ ޝަރީއާއާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި ބީއެމްއެލް އިސްލާމިކްގެ ފަންޑު މުޅީން ވަކިކޮށް، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ އެންމެ ރަނގަޅު މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
"ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، މި ބޭންކުން އެކައުންޓް، ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ ހިދުމަތެއް ފޯރުކޮށްދެން. މި ބޭންކަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިން، ކޭޝް ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން، އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފުކުރި ބޭންކް. މި ބޭންކަކީ ރާއްޖޭގައި ހަމައެކަނި ޝަރީއާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑުގެ ހިދުމަތްދޭ ބޭންކުވެސްމެ،" ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ 39 ބްރާންޗު ހުރި އިރު، އެ ކުންފުނީގެ 150 އަށްވުރެ ގިނަ އޭޓީއެމް އެބަހުއްޓެވެ.