މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ފެށޭނެ ކަމަށާއި މިއަހަރުގެ މެދު ތެރޭގައި ރ. އަދި ބ. އަތޮޅުގައި އެ ހިދުމަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ރޭ ވިދާޅުވީ އާރްޓީއެލް ހިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅެއްގައި މި އަހަރު ނިމުމުގެ ކުރިން އެ ހިދުމަތް ފަށާނެ ކަމަށެވެ. އެގޮތުން އެންމެ އަވަހަށް އެ ހިދުމަތް ފެށިގެންދާނެ އަތޮޅަކީ ރ. އަތޮޅު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އަންނަ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފަށާނެ ކަމަށެވެ. އަދި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އެ ހިދުމަތް ފެށިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ދެން ހަމަ އެހެން އަތޮޅުތަކުގައި، އެކީގައި މި އަަހަރު އެއްކޮށް ނިމިގެން ދާއިރު ހިދުމަތް ގާއިމް ކުރެވިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.
އާރްޓީއެލްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެ ހިދުމަތް އެންމެ ފަށުން ފަށާފައިވަނީ ނ. އަތޮޅުގައެވެ.
ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން މިހާތަނަށް ނުވަ އަތޮޅަކަށް މި ހިދުމަތް އަންނަނީ ދެމުންނެވެ. އެއީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ޅ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއެވެ.