ބްރިޖް ސަރަހައްދުން ދަތުރު ނުކުރުމަށް ކޮންސްޓަކްޝަން މިނިސްޓްރީން އަނެއްކާވެސް އަންގައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެކްސްގައި އިއްޔެ ބުނެފައިވާ ގޮތުގައި، މާލެ-ތިލަފުށި ލިންކް މަޝްރޫއުގެ މަސައްކަތަށް ގުޅިފަޅު-ތިލަފުށި ޗެނަލް، މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު ޗެނަލްތައް މިހާރުވެސް ވަނީ ބަންދުކޮށްފައެވެ. ކަނޑު އުޅަނދުފަހަރު އެ ސަރަހައްދުތަކުން ދަތުރުކުރުން ރައްކާތެރިކަމަކަށް ނުވާތީ، މި ޗެނަލްތަކުން ދަތުރު ނުކުރުމަށް އަނެއްކާވެސް ހައުސިން މިނިސްޓްރީން އިލްތިމާސްކުރާ ކަމަށް ބުނެފައިވެއެވެ.
މީގެ ކުރީންވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ތިލަމާލެ ބްރިޖުގެ ތަނބު އިންސްޓޯލް ކުރުމުގެ މަސައްކަތް މި ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާތީ، ގުޅިފަޅާއި ތިލަފުށީ ޗެނަލާ ދެމެދު ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ތިލަމާލެ ބުރިޖު މަސައްކަތުގެ 45.82 ޕަސެންޓު ނިންމާފައިވާ ކަމަށާއި ތާވަލަށްވުރެ ދެ ޕަސަންޓުގެ ލަސްވުމެއް އުޅޭ ކަމަށެވެ.
"ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބުރިޖުގެ މަސައްކަތުން ނިމިފައިވަނީ ޕްރިކާސްޓް ސެގްމަންޓުގެ 43.5 ޕަސަންޓު، ތަނބުތަކުގެ މަސައްކަތް 79.5 ޕަސަންޓު، ފައިލް ކެޕްގެ މަސައްކަތް 67.8 ޕަސަންޓު އަދި ޕިއާ ކޮމްޕެކްސް 62.2 ޕަސަންޓު. މުޅި މަޝްރޫއުގެ 45.82 ޕަސެންޓު،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އެފަދަ މާހައުލެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ކޮންޓްރެކްޓަރުގެ ނެތުމުގެ ސަބަބުން ކޮންޓްރެކްޓަރަށް ދަތިތަކާ ކުރިމަތިވެފައިހުރިކަން ކުރިން ވެސް ފާހަގަކުރައްވާފައިވާނެ ކަމަށާއި 16 ނޮވެމްބަރު 2023 ގައި ސޮއިކޮށްފައި އޮތް ސަޕްލިމެންޓަރީ އެގްރީމެންޓުގައިވާ 30 މަސް ދުވަހަކީ ޕްރޮޖެކްޓު ނިންމަން އެކަށީގެންވާ ވަގުތެއް ކަމަށެވެ. މިދިޔަ އަހަރު ސޮއިކުރި ސަޕްލިމެންޓަރީ އެގްރީމެންޓުގައިވާ ގޮތުން މަސައްކަތް ނިންމަން ޖެހޭ އާ ތާރީހަކީ 30 ސެޕްޓެމްބަރު 2026 އެވެ.
އެގޮތުން ޕްރޮޖެކްޓުގެ ސެކްޝަން އޭ ކަމަށްވާ މާލެ އާއި ވިލިނގިލި ގުޅާލާ ބުރިޖުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީހަކީ 31 މެއި 2026 އެވެ. ނަމަވެސް 31 ޑިސެމްބަރު 2025 އަށް އެ ބައި ނިންމުމަށް ކޮންޓްރެކްޓު ނުކޮށް، އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށް މީގެ ކުރިން މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެ އެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.