ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"މަޖިލީހުގެ މަސައްކަތްތައް ހަލުވިކަމާއި އިންސާފުވެރިކަމާއެކު ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން އެބައޮތް"

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހަލުވިކަމާއި އޮމާންކަމާއި އިންސާފުވެރިކަމާއެކު މަޖިލީހުގެ އާ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވުމާއެކު ރައީސް ސޯލިހު ވަނީ ރޭ ރައީސް ނަޝީދާ ބައްދަލުކުރައްވައި، ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ ބޭއްވި އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ މިހާރުގެ ރައްޔިތުންގެ މަޖިލީހަކީ، ވަރަށް ގިނަ ބައެއްގެ އުއްމީދުތަކާއި ގުޅިފައިވާ މަޖިލީހެއްކަން ފާހަގަކުރައްވައިފައެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހަލުވިކަމާއި އޮމާންކަމާއި އިންސާފުވެރިކަމާއެކު، މަޖިލީހުގެ އާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދަވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް ސަރުކާރުން ވެދެއްވެން އޮތް އެއްބާރުލެއްވުމެއް ވީ އެންމެ ފުރިހަމައަކަށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެ ބައްދަލުކުރެވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަޝްވަރާއާއި އެހީތެރިކަމާއެކު، ވީހާވެސް އިންސާފުވެރިކަމާއެކު މަޖިލީހުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދެވުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދެއްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު ނަންބަރު 10/2008 ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގެ ތިންވަނަ މާއްދާގެ އެއްވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަނުކުރައްވައިފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސް މުހައްމަދު ނަޝީދު އައްޔަން ކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ.

ރައީސް ނަޝީދަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް ނަޝީދާ ހަވާލުކުރައްވައިފައެވެ.