ކައުންސިލު އިދާރާތައް އާކުރުމުގެ މަސައްކަތް ނިމުމުން ރާއްޖޭގެ 77 ޕަސަންޓު ކައުންސިލުތައް އާވާނެ ކަމަށް ސިޓީތަކާއި އާންމު އިދާރީ ހިންގުމާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާގެ "ރާއްޖެ މިއަދު" ގައި ޝަރީފް ރޭ ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ރަށު ކައުންސިލުތަކަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ވާކަމަށެވެ. އެތަންތަނުގެ ހާލަތު ވިދާޅުވެދެއްވަމުން، ޝަރީފް ވިދާޅުވީ ގިނަ ކައުންސިލުތަކުގައި ސީލިންވެސް ހުރީ ވެއްޓޭ ފަދަ ހާލަތުގައި ކަމަށާއި އެތަންތަނުން ފައިބާ ގެދަބުޅިން އެ ކައުންސިލުތަކުގައި ތިބޭ މުވައްޒަފުންނަށްވެސް ބަލި ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ދައުރު ހަމަވުމުގެ ކުރިން ރާއްޖޭގެ ކައުންސިލުތައް ބާރުވެރިކުރުވައި އަދި އެތަންތަނުގެ އިމާރާތްތައް ރަނގަޅު ފެންވަރުގައި ތަރައްގީކުރުން ކަމަށް ޝަރީފު ވިދާޅުވިއެވެ.
އެ މަޝްރޫއުތަކުގެ ތެރެއިން މިހާރު ކުރިޔަށްގެންދަން ރާވާފައިވަނީ 105 ކައުންސިލުގެ މަސައްކަތް ކަމަށާއި އެ މަސައްކަތުގެ ތެރެއިން 50 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫއުއަކީ ޗައިނާ ސަރުކާރުގެ އެހީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލުތައް ކަމަށާއި އަދި 55 ކައުންސިލަކީ ސީދާ ސަރުކާރުގެ ބަޖެޓުން ހަދާ ކައުންސިލްތައް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކައުންސިލް އިދާރާތަކުގެ މަސައްކަތްތައް ނިމޭއިރު ކައުންސިލުގެ ރައީސް އަދި ނައިބު ރައީސްއަށް ވަކި ކޮޓަރިއެއް، އިދާރީ މަސައްކަތް ކުރަން ވަކި ތަނެއް، ޑަބްލިޔުޑީސީ މަސައްކަތް ކުރާނެ ވަކި މާހައުލެއްގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރާ ވަކި ހޯލެއް އިމާރާތް ކުރުމަށް ނިިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާލުވިއެވެ.
އޭގެ އިތުރުން ޝަރީފް ވިދާޅުވީ ކައުންސިލުތަކުގެ ތެރެއިން ބައެއް ރަށްރަށުގައި ދެ ބުރި އިމާރާތެއް ހަދަނީ އެ ރަށަކުން ކައުންސިލުތައް އިމާރާތް ކުރުމަށް ދީފައިވާ ބިމުގެ ޖާގައިގެ ބޮޑުމިނަށް ބެލުމަށްފަހުކަމަށެވެ. އަދި މަސައްކަތް ފެށިގެން 18 މަސް ދުވަހުގެތެރޭގައި ނުވަތަ ދެ އަހަރު ދުވަހުގެތެރޭގައި އެ މަސައްކަތް ކޮށް ނިންމާލެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.