ޚަބަރު

ރ. ވާދޫގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓަން ކައުންސިލާ ހަވާލުކޮށްފި

ރ. ވާދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.

މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރ. ވާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އެ ރަށުގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް އެ ރަށު ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ.

އެކަމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް ހުސައިން އަލީއެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކްގެ ޑިރެކްޓަރު އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ ބަދުރުއްދީން ހަސަނެވެ.

މި އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެެލްގެ އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު އިފްތިތާހުކުރީ މިދިޔަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދަށުން ފުރަތަމަ އޭޓީއެމް ބެހެއްޓީ އދ. އޮމަދޫގައެވެ. އެއީ ބީއެމްއެލްއިން ބެހެއްޓި 150 ވަނަ އޭޓީއެމްއެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 17 ރަށެއްގައި އޭޓީއެމް ބަހައްޓާނެ ކަމަށާއި އެ ފިޔަވަހި އަންނަ މާޗުގެ ނިޔަލަށް ނިންމާނެ ކަމަށެވެ. ދެވަނަ ފިޔަވަހީގައި 56 އޭޓީއެމް އަދި ތިން ވަނަ ފިޔަވަހީގައި 30 އޭޓީއެމް ބަހައްޓާނެ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން އޭޓީއެމް ބަހައްޓަން ނިންމާފައިވާ ރަށްތައް:

  • ހއ. އުތީމު
  • ހދ. ނޮޅިވަރަންފަރު
  • ރ. އިންނަމާދޫ
  • ބ. ކިހާދޫ
  • ދ. ހުޅުދެލި
  • ލ. މާބަައިދޫ
  • ހއ. މުރައިދޫ
  • ށ. ކަނޑިތީމް
  • ބ. ގޮއިދޫ
  • ބ. ކެންދޫ
  • ތ. ގާދިއްފުށި
  • ގއ. ކަނޑުހުޅުދޫ
  • ހދ. ނޮޅިވަރަމް
  • ށ. މަރޮށި
  • ބ. ފުޅަދޫ
  • އދ. މަންދޫ
  • ލ. ކަލައިދޫ

ފުރަތަމަ ފިޔަވަހީގައި ބަހައްޓާ ހުރިހާ އޭޓީއެމްތައް ބީއެމްއެލްއިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި އަމާޒަކީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމެވެ. އެއާއެކު ބީއެމްއެލްގެ އޭޓީއެމްގެ އަދަދު 250 އަށް އަރާނެއެވެ. އެއީ އަތޮޅުތެރޭގައި ގާއިމްކުރާ 100 އަށް ވުރެ ގިނަ އޭޓީއެމްއާއެކުގައެވެ.

ބީއެމްއެލްއިން ވަނީ އެ މަޝްރޫއުގެ ދެ ވަނަ ފިޔަވައްސަށް ބޭނުންވާ އޭޓީއެމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ ޑިސެމްބަރު މަހު އިއުލާނުކޮށްފައެވެ.