ޚަބަރު

ދުނިޔޭގެ ހަމަޖެހުމަށްޓަކައި ޓްރަމްޕާއެކު ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތްކުރަން ބޭނުން: ރައީސް

ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާއި އެ މަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވެފައި މިވަނީ އެމެރިކާގެ ރިޔާސީ 47 ވަނަ ދައުރަކަށް ޑޮނަލްޑް ޓްރަމްޕް ހުވާކުރެއްވުމާ ގުޅިގެން މަރުހަބާ ދަންނަވައި ރައީސް މުއިއްޒު, ޓްރަމްޕަށް ފޮނުއްވި މެސެޖުގައެވެ.

އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ކެޕިޓޯލްގައި މިރޭ ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި ނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވާކުރައްވައިފައެވެ.

ރައީސް މުއިއްޒު, ޓްރަމްޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ އިންޑިއާ ކަނޑުގެ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ސަރަހައްދީ ސުލްހަ މަސަލަސްކަމާއި ފާގަތިކަން ކުރިއެރުވުމަށްޓަަކައި، ދެ ގައުމުގެ ސިޔާސީ ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

"އަދި ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕާއި އެ މަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރުމަށް ބޭނުންވޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އަހަރަކީ އެމެރިކާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށާއި މިއީ ދެ ގައުމުގެ މެދުގައި އޮތް ގާތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކާމިޔާބީއެއް ކަމަށެވެ.

އެގޮތުން ވިޔަފާރި އާއި އިގުތިސޯދީ ގުޅުން ބަދަހިކުރުމަށާއި ދިފާއީ އަދި ސަލާމަތީ ގުޅުންތައް ކުރިއެރުވުމަށާއި ބައިނަލްއަގުވާމީ މަސްރަހުގައި ޑިމޮކްރެޓިކް ހަމަތަކާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މަގުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ދެގައުމުން ކުރާ މަސައްކަތް ރާއްޖެއިން ބަލައިގަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.