ޚަބަރު

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން 1.9 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި

ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް 1.9 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފިއެވެ.

ކަސްޓަމްސް އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ އެއްބަސްވުމުގެ ދަށުން ވައިގެ މަގުން ނުވަ ޝިޕްމަންޓް އަދި ކަނޑުމަގުން ތިން ޝިޕްމަންޓް ވަނީ ރާއްޖެ އެތެރެކޮށްފައެވެ.

ކަސްޓަމްސް އިން ބުނީ ވައިގެ މަގުން އެތެރެކުރި ނުވަ ޝިޕްމަންޓުގެ ކޮސްޓް، އިންޝުއަރެންސް އެންޑް ފްރައިޓް (ސީއައިއެފް) ވެލިއު އަކީ 882،381 ރުފިޔާ ކަމަށާއި އަދި ކަނޑުމަގުން އެތެރެކުރި ތިން ޝިޕްމަންޓުގެ ސީއައިއެފް ވެލިއު އަކީ 1،040،875 ރުފިޔާ ކަމަށެވެ. އެއީ ޖުމުލަ 1.9 މިލިއަން ރުފިޔާގެ މުދާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެ އެއްބަސްވުން ހަދާފައިވަނީ ޗައިނާ އިން ރާއްޖެ އެތެރެކުރާ 70 ޕަސަންޓް މުދަލުން ޑިއުޓީ ކެނޑޭ ގޮތަށެވެ.

އެއްބަސްވުމަށް އަމަލުކުރަން ފަށަން ތައްޔާރުވެފައިވާކަން އިއުލާންކުރުމަށް މިދިޔަ މަހުގެ 30 ގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ޗައިނާއާއެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ފަހިވެގެންދާ ފުރުސަތަކީ ފަސް އެނބުރި ބަލައި، މިކަން ފާހަގަކުރާ ވަރުގެ ބޮޑު ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ފުރިހަމަ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ޗައިނާ މިއަދު ކުރިއަރައިގެން އެދާ ދިއުމުގައި އެންމެ ބޮޑު ފުރުސަތެއް ލިބިގެން މިދަނީ ރާއްޖެއަށް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

"އެ ދިޔައީ މި އެފްޓީއޭ ތަންފީޒުވެގެން، 1 ޖެނުއަރީ 2025 އިން ފެށިގެން. އައިޓަމްސްގެ ޓެރިފް އެއްކޮށް ކެނޑިގެންދާނެ 70 ޕަސަންޓް ގާތްގަނޑަކަށް. އޭގެ ތެރޭގައި ޗައިނާއަށް އެކްސްޕޯޓްކުރާ އައިޓަމްތަކުގެ ތެރޭގައި 95 ޕަސަންޓުގެ އައިޓަމުން ސުން ޕަސަންޓުގައި އެކްސްޕޯޓުކުރެވޭނެ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވެފައިވަނީ އެއާއެކުގައި ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް އިތުރު 20 ޕަސަންޓާއެކު 90 ޕަސަންޓާ ހަމައަށް ރާއްޖެއަށް އެތެރެކުރާ ޗައިނާގެ ހުރިހާ މުދަލަކުން ޑިއުޓީ މައާފުވެގެންދާނެ ކަމަށާއި އެހެންވީމާ ރާއްޖޭގެ މި ދިގު ތާރީހުގައި ދުވަހަކުވެސް ރާއްޖެއަށް ނުލިބޭ ފަދަ ވިޔަފާރީގެ ކުރިއެރުން ލިބޭނެ ފަދަ ފުރުސަތެއް ފަހިވެގެން ގޮސްފައިވާ ކަމަށެވެ.

ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޑިސެމްބަރު، 2014 ގައެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވީ ނަމަވެސް، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.