އަންނަ މަހު ރާއްޖެ ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެކަން އިއުލާންކުރެއްވީ މިރޭ ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތާ ހަވާލުވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އަންނަ މަހުގެ 7 އަދި 8 ވަނަ ދުވަހު މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެ ދަތުރުފުޅުގައި މޯދީ ތަގުރީރުކުރައްވާނެ ކަމަށެވެ.
މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަނީ އިންތިހާބުކޮށްފައެވެ. މަޖިލީހުގެ ރައީސަކަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގެންނެވި އިރު، ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.