19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުވާކުރެއްވި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް މަރުހަބާ ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުވާކުރެއްވި މެންބަރުންނަށް މަރުހަބާ ދަންނަވައި ކުރެއްވި ޓުވީޓުގައި ވިދާޅުވީ ގައުމުގެ އަމާންކަމަށާއި ގައުމުގެ ކުރިއެރުމަށްޓަކައި ގާނޫނު އަސާސީގެ ދަށުން މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަގެ ރައީސްކަމަށް އިންތިހާބު ކުރެވުނު މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދަށާއި މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިހާބު ކުރެވުނު ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދު ﷲ އަށް ވެސް މަރުހަބާ ދަންނަވައިފައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމާ ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖްލީސް ވެގެންދާނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ މަޖިލީހަކަށް ކަމަށެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވުމާ ގުޅިގެން ގިނަ ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުންނާއި އާންމުން ގެންދަނީ އަލަށް ހުވާކުރެއްވި މެންބަރުންނަށް މަރުހަބާ ދަންނަވަމުންނެވެ.