އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 90 މީހަކު މިނިވަންކޮށްފިއެވެ.
ގާޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ 15 މަސްވީ ގަތުލުއާއްމު ވަގުތީ ގޮތުން ހުއްޓައިލުމުގެ އެއްބަސްވުމަށް އިއްޔެ އިން ފެށިގެން އަމަލުކުރަން ފެށި އިރު، އެއްބަސްވުމަކީ ޖުމުލަ ތިން ފިޔަވައްސަކަށް ބަހާލާފައިވާ އެއްބަސްވުމެކެވެ.
އެއްބަސްވުމުގެ ދަށުން ހަމާސް އިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ތިން މީހަކު އިއްޔެ މިނިވަންކޮށްފައިވާއިރު، އިޒްރޭލުން މިއަދު ވަނީ އެ ގައުމުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ 90 މީހަކު މިނިވަންކޮށްފައެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ 69 އަންހެނުންނާއި ފުރާވަރުގެ 21 ފިރިހެން ކުދިންނެވެ. ރެޑް ކްރެސެންޓުގެ ބަސްތަކުގައި އެ މީހުން ހުޅަނގު އައްސޭރީގެ ރާމަﷲ ސިޓީއަށް ގެންދިއުމުން އެތައް ހާސް ބަޔަކު ވަނީ އެ މީހުންނަށް މަރުހަބާ ކިޔައި އުފާ ފާޅުކޮށްފައެވެ.
ގަތުލުއާއްމު ވަގުތީގޮތުން ހުއްޓައިލުމަށް ވި އެއްބަސްވުމަކީ ޖުމުލަ ތިން ފިޔަވައްސަކަށް ބަހާލާފައިވާ އެއްބަސްވުމެކެވެ. ފުރަތަމަ ފިޔަވަހީގެ މުއްދަތަކީ 42 ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ހުރިހާ ބާވަތެއްގެ ހަމަލާތައް ހުއްޓާލައި ގާޒާގައި އާބާދުވެފައިވާ ސަރަހައްދުތަކުން އިޒްރޭލް ސިފައިންނާއި ހަތިޔާރު ބާލާނެއެވެ. އަދި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ ރައްޔިތުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި ޒަޚަމްވެފައިވާ މީހުންނާއި އަންހެނުން އަދި އަށާރަ ނުފުރޭ ކުޑަކުދިންވެސް ދޫކޮށްލާނެއެވެ.
އޭގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ގައިދީންގެ ތެރެއިން އެތައް ސަތޭކަ ބަޔަކުވެސް މިނިވަން ކުރެވޭނެއެވެ. މިގޮތަށް މިނިވަންކުރެވޭ ފަލަސްތީނުގެ ގައިދީންގެ ތެރެއިން ގާޒާއަށް ރުޖޫއަވާ ކޮންމެ މީހަކަށް އެ މީހަކު ބޭނުންވާ ރަށެއްގައި ވަޒަންވެރި ވެވޭނެއެވެ. ހަމައެއާއެކު ގާޒާއަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ގެންގޮސް ފަލަސްތީނުގެ ރައްޔިތުންނަށް ބެހުމުގެ މަސައްކަތްވެސް ފަށާނެއެވެ.