ޚަބަރު

ރައީސާ މާ ގާތްވީމަ ވަޒީރުކަމުގައި ދެމިތިވެވޭނެ ކަމަށް ދުށުމަކީ ކުށްހީއެއް: މެންބަރު ލަތީފް

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އާ މާ ގާތްވީމަ ވަޒީރު ކަމުގައި ދެމިތިބެވޭނެކަމަށް ދުށުމަކީ ކުށްހީއެއް ކަމަށް ވިދާޅުވެ، ޕީއެންސީގެ ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްލަތީފް މުހައްމަދު ބައެއް ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރަށާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޑރ. އަލީ ހައިދަރު އަހުމަދަށާއި އެގްރިގަލްޗަރު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މަރިޔަމް މާރިޔާގެ އިތުރުން ހައުސިން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މުއްތަލިބަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް މަޖިލީހަށް ހުށަހެޅި މައްސަލައާ ބެހޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ލަތީފް ވިދާޅުވީ، ވަޒީރުންނަށް މަޖިލީހުން ރުހުން ދިނުމަކީ ސަގާފީގޮތުން، ނުވަތަ އާދަކާދައިގެ ގޮތުން ކުރާކަމެއްނޫން ކަމަށެވެ.

"މިއީ ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވީތީ، ރުހުންދޭ އުސޫލުންވެސް ކުރާކަމެއް ނޫން، މިއީ ވަރަށް މާތް މަގުސަދެއްގައި ކުރާކަމެއް،" ލަތީފު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ، ވަޒީރުންނަކީ، ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ދަމަހައްޓައި ނަގަހައްޓަން ތިބޭ ބައެެއް ކަމަށެވެ. ނަމަވެސް ބައެއް ވަޒީރުން އެގޮތަށް މަސައްކަތް ކުރަމުން ނުދާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"ރައްޔިތުންނަށް ބޭނުންވާ ވަރަަށްގިނަ ކަންކަމުގައި އަޅުގަނޑުމެން ވަޒީރުންނަށް އެބަ ފޯނު ކުރަން ޖެހޭ، ރަށްރަށުގެ ތަރައްގީއަށް ކުރަން ޖެހޭ މަސައްކަތްތަކުގައި، ސިއްހީ، ތައުލީމީ، އިޖުތިމާއީ، ކުޅިވަރު، މިހެންގޮސް ހުރިހާ ކަމެއްގައި، ނަމަވެސް ވަޒީރުން ފޯނު ނުނަންގަވާ މައްސަލައަކީ ބޮޑު މައްސަލައެއް، އަދި ކަންކަން ނުކޮށްދޭ މައްސަލައަކީވެސް ވަރަށް ބޮޑު މައްސަލައެއް." ލަތީފު ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، އެގޮތަށް މަސައްކަތްކުރާ ބައެއް ވަޒީރުން ތިބިއިރު އެބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާއަށްވެސް އިހުލާސްތެރި ބައެއްކަންވެސް ކަށަވަރު ނުވާ ކަމަށެވެ.

"ބައެއް ވަޒީރުންނަށް ހީވާކަހަލަ ރައީސުލްޖުމްހޫރިއްޔާއާ މާ ގާތްވީމާ އެ ބޭފުޅުންނަށް މަގާމުގައި ބައިވަރު ދުވަސްވަންދެން ދެމި ތިބެވޭނެ ކަމަށް، އެހެނެއްނޫން އެކަންއޮތީ ނިމިގެންދިޔަ، 18 ވަނަ މަޖިލީހުގައިވެސް އަޅުގަނޑުމެން ހުންނާނީ އަޅުގަނޑުމެންގެ ސަރުކާރުގެ ވަޒީރުން ވަކިކޮށްފަ. އެކަން މިހާރުވެސް ވަޒީރުންނަށް ހަނދާންކޮށްދެން، ސަރުކާރާއި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްނުދޭނަމަ ވަޒީރުން މަގާމުގައި ދެމި ތިބެވޭނެކަމަށް ހީކޮށްގެންނުވާނެ،"

ލަތީފް މިހެން ވިދާޅުވީ، ޕީޕީއެމްގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވައި، ރައީސް ޔަމީންގެ ވެރިކަމުގައި، ސަރުކާރާ ދެކޮޅުވި މަޖިލީހުގެ 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެން ހިންގެވި ކަންތައްތަކަށް މިސާލު ޖައްސަވަމުންނެވެ.

"އެހެންކަމުން ވަރަށް އިހުލާސްތެރިކޮށް ދަންނަވަން، ވަޒީރުން ރައްޔިތުންނަށް އިހުލާސްތެރިކަމާއެމު މަސައްކަތް ކޮށްދޭން ޖެހޭނެ، އެހެންނޫނީ އެ މަގާމުގައި ދެމިނުތިބެވޭނެ، ގާނޫނު އަސާސާގައި އެކަން ހިމަނާފައިވަނީ ވަރަށް މާތް މަގުސަދެއްގަ،" ލަތީފު ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުގެ ބައެއް ވަޒީރުންނަކީ ރައްޔިތުން ބޭނުންވާ މައުލޫމާތު ނުދެއްވައި އަދި ޖަވާބުދާރީވެވަޑައިނުގަންނަވާ، ފޯނުވެސް ނުނަންގަވާ ފިލައިގެން އޫޅޭ ބައެއް ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

އެފަދަ ވަޒީރުންނަށް ދަންނަވަން އޮތީ، މިއަދު ރުހުންދިން ކަމުގައި ވިޔަސް އެއީ އަނބުރާ ގެނެވޭނެ އެއްޗެއް ކަމަށާއި، އެކަމަކީ ވަޒީރުން ވަކިކުރަން ބޭނުންވެއްޖެ ނަމަ ވަކިކުރެވޭ ގޮތަށް އޮތް ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް މުއިއްޒުގެ ސަރުކާރު ދަމަހައްޓަން، ނަގަހައްޓަން އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްދޭން ތިބި ބައެއް މަޖިލިސް މެންބަރުންނަކީވެސް ހަމަ ވަޒިރުންނަކީވެސް، އެެހެންވީމާ، ރައީސުލްޖުމްހޫރިްޔާއާ މާ ގާތްވީމަ ތިމަންމަނިކުފާނަށް ދެމި ހުރެވޭނެކަމަށް ހީކުރުމަކީ ކުށް ހީއެއް،" ލަތީފު ވިދާޅުވިއެވެ.