ޚަބަރު

ފޯނެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އަލީ އިހްސާން

ފޯނެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިމަހުގެ 26 ވަނަ ދުވަހުގެ 11:30 ހާއިރު ގދ. ފަރެސްމާތޮޑާގެ ގެއަކުން ސެމްސަންގް ޖޭޓޫ ގޯލްޑް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެއް ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލައާ ގުޅިގެން 26 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން 27 މޭގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ވަގަށް ނަގާފައިވާ ފޯނު ފުލުހުންގެ ތަހުގީގުން ހޯދައި އެ ފޯނުގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ގދ. ފަރެސްމާތޮޑާ ފޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.

މިދުވަސްވަރު ބޮޑެތި އަދަދުން ފައިސާއާއިި ތަކެތި ފޭރުން ވަނީ އިތުރުވެފައެވެ. އެގޮތުން ހއ. ހޯރަފުށީގެ ގެއަކުން އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. މީގެ އިތުރުން ފ. ދަރަނބޫދޫގައި، ތިން މީހަކު ހައްޖަށް ދާން ރައްކާކޮށްފައި ހުރި ތިންލަކައެއްހާ ރުފިޔާ ވަގަށް ނެގި މައްސަލައެއް ތަހުގީގު ކުރަމުން ގެންދާކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ.