އިބްރާހިމް ޒަކީ
ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)ގެ ނައިބު ރައީސްކަމަށް މޫމިނާ ވަހީދު މ. ޖީނާ، އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސް ކަމަށް މޫމިނާ އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ، މިމަހު 16 ގައެވެ.
މޫމިނާގެ ނަން މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކުރުމަށް ފަހު އެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ ނައިބު މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދެވެ.
އެޗްއާރުސީއެމްގެ ނާއިބުރައިސްކަމަށް މޫމިނާ އައްޔަން ކުރަން ރުހުންދޭން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
މޫމިނާ އަކީ މިހާރުވެސް އެޗްއާރްސީއެމްގެ މެންބަރެކެވެ. އޭނާ އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އެމްޑީޕީ ސަރުކާރުގައި އަށެއް ސެޕްޓެމްބަރު 2020ގައެވެ.
މުއުމިނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީއިން މާސްޓާސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) ފުރިހަމަ ކުރައްވައިފައެވެ.