މެންބަރު އީވާ އަބްދުﷲ

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އީވާ އިންތިހާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިންތިހާބުކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އީވާ އިންތިހާބުކޮށްފައިވަނީ މިރޭ ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެ މަގާމަށް ވާދަކުރައްވާފައިވަނީ ވެސް ހަމައެކަނި އީވާއެވެ.

އެމްޑީޕީގެ ފަރާތުން އީވާގެ ނަންފުޅު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އެ ހުށަހެޅުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ތާއީދުކުރައްވައިފައެވެ.

މަޖިލީހުގެ ނައިބު ރައީސަކު ހޮވުމަށް ނެގި ސިއްރު ވޯޓުގައި އީވާ، އެ މަގާމަށް އިންތިހާބުކުރުމަށް ފެންނަ ކަމަށް ވޯޓުދީފައިވަނީ 76 މެމްބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ ނުވަ މެމްބަރެކެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 86 މެމްބަރުންގެ ތެރެއިން 85 މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭ ނެގި ވޯޓުގައި މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. އެ މާގަމަށް ދެން ވާދަކުރެއްވީ މަޖިލީހުގެ ކުރީގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ. ނަޝީދަށް 67 ވޯޓު ލިބިފައިވަޑައިގެންނެވި އިރު، ގާސިމަށް ލިބިވަޑައިގެންނެވީ 17 ވޯޓެވެ.

މިރޭ ބޭއްވި އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.