ޚަބަރު

މިދިޔަ ޑިސެމްބަރުމަހު އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި ބިދޭސީ މީހާ ޑީޕޯޓް ކޮށްލައިފި

މުހައްމަދު އިޝާން

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގުމުގައި އިސްކޮށް އުޅުނު ބިދޭސީ މީހާ ރާއްޖެއިން ޑީޕޯޓްކޮށްލައިފި އެވެ.

އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް އާޓިފިޝަލް ބީޗު ސަރަހައްދުގައި ހަމަނުޖެހުން ހިންގީ މިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ. އެ ހަމަނުޖެހުން ހިންގީ އެ ތަނަށް ގޮސް އުޅުނު އިންޑިއާގެ ބައެއްގެ މެދުގައެވެ.

އެކަމުގައި އިސްކޮށް އުޅުނު މީހާގެ ފޮޓޯއާއި ވަނަވަރާއެކު އިމިގްރޭޝަނުން ޑިސެމްބަރު 16 ވަނަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އުމުރުން 25 އަހަރުގެ އެ މީހާ ހޯދީ ފުލުހުންގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި އޭނާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ހަމަނުޖެހުމުގައި ޝާމިލުވާ ހުރިހާ އެންމެންނަށް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގައި އިސްކޮށް އުޅުނު ބިދޭސީ މީހާ މިމަހުގެ ފަސްވަނަ ދުވަހު ރާއްޖެއިން ޑީޕޯޓްކޮށްލައިފައިވާ ކަމަށެވެ.

"މިމަހުގެ ކުރީކޮޅުގަ ޖެނުއަރީ ފަސްވަނަ ދުވަހު ވަނީ ޑީޕޯޓް ކޮށްލާފަ." ޝަމްއާން ވިދާޅުވިއެވެ.

އާޓީފިޝަލް ބީޗުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ބިދޭސީންތަކެއް ވަނީ މާރާމާރީ ހިންގައި ދިވެއްސަކަށް ހަމަލާދީފައެވެ. އެ މާރާމާރީ ހިންގި މައްސަލައިގައި ފުލުހުން އެ ރޭ ވަނީ އިންޑިއާގެ ތިން ފިރިހެނަކު ހައްޔަރުކޮށްފައެވެ.

އެކަމާ ގުޅިގެން ޝަމްއާން ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާރާމާރީ ހިންގި ތިން މީހުން ވެސް މިހާރު ތިބީ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށާއި އެ އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝަމްއާން ވިދާޅުވީ އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް އެފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.