ޗެމްޕިއަން ކުޅުންތެރިޔާއަށް އުމްރާ ދަތުރެއް ލިބޭ ވެޓެރަންސް ކެރަމް މުބާރާތެއް ފަށަން ތައްޔާރުވެ، ބައިވެރިވާން ހުޅުވާލައިފިއެވެ.
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ އިރު، މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 26 ވާ އާދީއްތަ ދުވަހުގެ ރޭ 10:00 އެވެ.
މުބާރާތުގައި ދެ އިވެންޓެއް ކުރިއަށް ދާނެއެވެ. އެއީ ސިންގަލްސްގެ އިތުރުން ޑަބަލްސް އޯޕަން ބައެވެ. އަންހެން އަދި ފިރިހެން ޑިވިޝަން އެއްކޮށް މުބާރާތް ކުރިއަށް ގެންދާ އިރު، މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 40 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ.
ކުޅުންތެރިޔާގެ އުމުރުން 40 އަހަރުން މަތި ނަމަވެސް، ފާއިތުވި ތިން އަހަރު ފިރިހެން ގައުމީ ސްކޮޑުގައި ހިމެނިފައިވާ އަދި ގައުމީ ކެރަމް މުބާރާތުގެ ސިނަގްލްސް އިވެންޓްގެ ގަދަ އަށެއްގައި ހިމެނިފައިވާ ކުޅުންތެރިޔަކަށް މުބާރާތުގައި ނުކުޅެވޭނެއެވެ. އޭގެ އިތުރުން މިދިޔަ ތިން އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގެ ފިރިހެން ސިނަގްލްސް ގަދަ ހަތަރެއްގައި ހިމެނިފައިވާ ކުޅުންތެރިންނަށްވެސް މުބާރާތް ނުކުޅެވޭނެއެވެ.
ބައިވެރިވުމުގެ ފީއެއްގެ ގޮތުން 150 ރުފިޔާ ނަގަން އެސޯސިއޭޝަނުން ނިންމާފައިވާ އިރު، މުބާރާތް ފަށާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.
ކެރަމް އެސޯސިއޭޝަނުން ފަށަން ތައްޔާރުވާ ދެވަނަ ވެޓެރަންސް ކެރަމް މުބާރާތުގެ ސްޕޮންސާއަކީ ޔަލަމްލަމް ހައްޖާއި އުމްރާ އެވެ.