ކެރަމް ވޯލްޑް ކަޕް

ކެރަމް ވޯލްޑް ކަޕުން ރާއްޖެއަށް ދެ ލޯ މެޑަލް

އެމެރިކާގެ ކެލިފޯނިއާގައި ކުރިއަށްދާ ހަވަނަ ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުންވެސް ލޯ މެޑަލް ހޯދައިފިއެވެ.

ކެރަމް ވޯލްޑް ކަޕްގެ ޓީމު އިވެންޓްތަކުން މުބާރާތް ފަށާފައިވާ އިރު، އަންހެން ޓީމުން މީގެ ކުރިންވެސް ވަނީ ދުނިޔޭގެ މުބާރާތުން މެޑަލް ހޯދައިފައެވެ. އެހެން ނަމަވެސް މިއީ ފިރިހެން ޓީމުން ވޯލްޑް ކަޕް މެޑަލްއެއް ހޯދި ފުރަތަމަ ފަހަރެވެ.

އައިޝަތު ނަހުފާއާއި އައިމިނަތު ވިދާދު، އައިޝަތު ފައިނާޒު އަދި ފާތިމަތު ރަޔާނާ ހިމެނޭ އަންހެން ކެރަމް ޓީމުން ލޯ މެޑަލް ހޯދީ ހޯސްޓް އެމެރިކާ ބަލިކޮށްގެންނެވެ.

އަންހެން ޓީމުން އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޭމް، ސިންގަލްސް ގޭމްގައި ވިދާދު ވަނީ 25-12، 25-01 އިން ސްވަޕޫރާ ކަޓްކަމް ބަލިކޮށްފައެވެ. އޭގެފަހުން ސިންގަސްވެސް ދެވަނަ ގޭމުގައި ރާއްޖޭގެ ރާޔާ އެމެރިކާގެ ޕްރީތީ ޖަކޯޓީ އަތުން 17-25 އަދި 0-23 އިން ބަލިވި ނަމަވެސް، ޑަބަލްސް ގޭމްގައި ނަހުފާއާއި ފައިނާޒްގެ ޕެއާ ވނީ އެމެރިކާގެ ގީތާއާއި މޮނިކާގެ ޕެއާ 25-0، 25-0 އިން ބަލިކޮށްފައެވެ.

ފިރިހެން ޓީމުން ލޯ މެޑަލް ހޯދީ، ލޯ މެޑަލް މެޗުގައި ސިންގަޕޫރު ބަލިކޮށްފައެވެ. ފިރިހެން ޓީމުގައި އިސްމާއީލް އަޒްމީނާއި ހަސަން ނާޒިމް، އިބްރާހީމް ހުޖާން އަލީގެ އިތުރުން ހިމެނެނީ މުހައްމަދު މުންތަސިރެވެ.

އަޒްމީން ސިންގަލްސް ފުރަތަމަ ގޭމްގައި ވިޖޭ ކައިރިން 25-0، 25-0 އިން ދެ ސެޓު ގެންދިޔަ އިރު، ދެން ކުޅުނު ސިންގަލްސް މެޗުގައި މުންތަސިރު ވަނީ ސިންގަޕޫރުގެ ލެނަސް އަތުން ބަލިވެފައެވެ. ރާއްޖެއިން މެޑަލް ޔަގީންކުރީ ނާޒިމާއި ހުޖާން ޑަބަލްސް ގޭމްގައި ސިންގަޕޫރުގެ ރަމަންއާއި އަމީލާ، 25-0، 25-0 އިން ބަލިކުރުމުންނެވެ.