ދުނިޔެއިން އަލަށް ރެކޯޑް ކުރެވުނު މަހެއް އަނެއްކާ ވެސް ރާއްޖެއިން ފެނިއްޖެއެވެ.
މޯލްޑިވްސް މެރިން ޖާނަލްއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ މަސް ފެނިފައިވަނީ ބޭރުގެ ސައިންޓިސްޓުންނާއި މޯލްޑިވްސް މެރިން ރިސާޗް އިންސިޓިއުޓް އިން ކުރިއަށްގެންދިޔަ ކަނޑުފަޅުގެ ދިރާސާއެއްގެ ތެރެއިން ކަމަށެވެ.
އެ މަސް ފެނިފައިވަނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުން ކަމަށް މޯލްޑިވްސް މެރިން ޖާނަލް އިން ބުންޏެވެ. އެއީ 100-150 މީޓަރު ފުނެވެ. އެ މަހަކީ 2-3 އިންޗިއަށް ބޮޑުވާ ކުލަ ރީތި މަހެކެވެ.
މޯލްޑިވްސް މެރިން ޖާނަލް އިން ބުނީ ކަނޑުފަޅުގެ ދިރާސާއިން ރާއްޖޭގެ ގިނަ ސަރަހައްދުތަކުން އެ މަސް ފެނިފައިވާ ކަމަށެވެ. އެގޮތުން އަރިއަތޮޅު އުތުރުބުރިން ފެށިގެން ނިލަންދުއަތޮޅު ދެކުނުބުރީގެ ސަރަހައްދުތަކުން އެ މަސް ވަރަށް ގިނައިން ފެނިފައިވާ ކަމަށެވެ.
އެ މަހަށް "ރަކި ބުރެކި" ގެ ނަން ދެވުނީ، އެ މަހަކީ ޑައިވަރުންނަށް ފެންނައިރަށް އަވަހަށް ފިލާ މަހަކަށް ވުމުންނެވެ.