އިނގެރޭސިވިލާތުގެ ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ވާތު ބެކު މާކޮސް އަލޮންސޯ އެ ކުލަބުގައި މަޑުކުރަން ނިންމައި، އޭނާ ހަދާފައިވާ އެއްބަސްވުން 2023 އާ ހަމައަށް އިތުރުކޮށްފިއެވެ.
2016 ވަނަ އަހަރު އިޓަލީގެ ފިއޮރެންޓީނާ އިން 24 މިލިއަން ޕައުންޑުގެ އަގަކަށް ޗެލްސީއަށް ބަދަލުވި ހުނަރުވެރި ކުޅުންތެރިޔާ އޭނާގެ ޔޫތު ކެރިއަރު ފަށާފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުންނެވެ. އެގޮތުން، އޭނާ ވަނީ ރެއާލްއަށާއި، ޕްރިމިއާ ލީގުގެ ބޯލްޓަން އަށްވެސް ކުޅެފައެވެ. އަދި ލޯން އެއްބަސްވުމެއްގެ ދަށުން ސަންޑަލޭންޑް އަށްވެސް ކުޅެފައެވެ.
އުމުރުން 27 އަހަރުގެ އަލޮންސޯ ޗެލްސީއަށް ބަދަލުވި ފުރަތަމަ ސީޒަންގައި އޭނާވަނީ ކޮންޓޭގެ ކޯޗުކަމުގެ ދަށުން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އަދި ނިމިގެންދިޔަ ސީޒަނުގައި އޭނާ ވަނީ އިނގެރޭސި އެފް.އޭ ކަޕް ވެސް އުފުލާލާފައެވެ.
ޗެލްސީއަށް މިހާތަނަށް ޖުމްލަ 92 މެޗު ކުޅެދީފައިވާއިރު އޭނާވަނީ 15 ލަނޑު ކާމިޔާބުކޮށް، 11 ލަނޑު ޖަހަން އެހީތެރިވެދީފައެވެ. އަދި މިދިޔަ މާޗު މަހު އަލޮންސޯއަށް ވަނީ ފުރަތަމަ ފަހަރަށް ސްޕެއިންގެ ޤައުމީ ޓީމުން ޖާގަވެސް ލިބިފައެވެ.
ޗެލްސީއާއެކު އެއްބަސްވުން އާކުރުމަށްފަހު އަލޮންސޯ ބުނެފައިވަނީ، ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބަށް ކުޅެމުން ގެންދަން ބޭނުންވާކަމަށާއި، ޓީމުގައި މަޑުކުރަން ނިންމުމުން އުފާވެ، ހިތްހަމަ ޖެހޭކަމަށެވެ. އަދި ނިމިގެންދިޔަ ދެ ސީޒަނަކީ ކާމިޔާބު ދެ ސީޒަން ކަމަށާއި، ކުރިއަށް އޮތް ސީޒަން ތަކަކީވެސް ކާމިޔާބު ސީޒަނަކަށް ވާނޭކަމަށް އުއްމީދުކުރާ ކަމަށެވެ.