ޚަބަރު

ސިއްރު ފެންފުށީގައި ބެހެއްޓި ބުދުތައް ފަސް ގަޑިއިރު ތެރޭގައި ނަގަން އަމުރު ނެރެފި

ސިއްރު ފެންފުށި ރިސޯޓުގައި ބެހެއްޓި ބުދުތައް ފަސް ގަޑިއިރު ތެރޭގައި ނެގުމަށް ސިވިލް ކޯޓުން މިއަދު އަމުރު ނެރެފިއެވެ.

ސިއްރު ފެންފުށި ރިސޯޓުގައި ހެދި ކޮރަލޭރިމްގައި ބަހައްޓާފައިވާ ބުދުތައް ނެގުމަށް ފަސް ގަޑިއިރުގެ މުހުލަތެއް ސިވިލް ކޯޓުން ދީފައިވާ އިރު، މިއަދު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައިވަނީ ދީފައިވާ މުހުލަތައް ބުދުތައް ނުނަގައިފި ނަމަ، އެތަކެތި ފުލުހުން ނައްތާލާނެ ކަމަށެވެ.

ފުލުހުން ބޭއްވި ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން ވިދާޅުވީ ބުދުތައް ނެގުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި، ކޯޓުން ދީފައިވާ މުހުލަތު ހަމަވުމުން ބުދުތައް ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ސޮއިކުރައްވާ ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ ސިއްރު ފެންފުށި ރިސޯޓުގައި ބަހައްޓާފައިވާ ކޮރެލިއަމަކީ އިސްލާމް ދީނުގެ ވަހުދަތާއި ދިވެހި ދައުލަތުގެ ސުލްހަ މަސްލަހަތާއި ނިޒާމު އާންމާ ހިލާފުވާ ގޮތަށް ހަދާފައިވާ ތަނެއްކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި އިސްލާމް ދީނުގެ ފަސް މަގުސަދު ހިމާޔަތް ކުރުމުގެ އަސާސްތަކުގެ މައްޗަށް ބަލާ އިރު، އެފަދަ ކަމަކަށް ހުއްދަކުރެވެން ނޯންނާނެ ކަމަށްވެސް ސިވިލް ކޯޓުގެ އަމުރުގައިވެއެވެ.

އޭގެ އިތުރުންވެސް މިއަދު މެންދުރު 13:30 އިން ފެށިގެން ފަސް ގަޑިއިރުގެ ތެރޭގައި ބުދުތައް ނެގުމަށް ދައުވާ ލިބޭ ޖީބީއެޗް މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރުކުރާ ކަމަށާއި، އެ އަމުރު ކުރެވުނު ވަގުތުގެ ތެރޭގައި އެތަކެތި ދައުވާ ލިބޭ ފަރާތުން ނަގާފައިނުވާނަމަ، ވަގުތު ހަމަވާ ވަގުތުން ފެށިގެން އެ ތަކެތި ނަގަންފަށައި، ހަތް ދުވަހުގެ ތެރޭގައި އެތަކެތި ނަގައި ނިންމުމަށާއި ދައުލަތުން ކަނޑައަޅާ ގޮތެއްގެ މަތީން އެތަކެތި ނައްތާލުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މައްޗަށް އަންގާ އަމުރު ކުރާ ކަމަށްވެސް އަލީ އަބްދުﷲ ނެރުއްވި އަމުރުގައިވެއެވެ.