ޚަބަރު

އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

މުހައްމަދު އިޝާން

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ 12 މެންބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ހޯމްލޭންޑް މިނިސްޓްރީގެ ދަށުގައިވާ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ޑޭޓާބޭސް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާ މައްސަލައާއި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ބޭނުންވާ އެކްސްޕެޓް ސިސްޓަމް، ދިވެހި ކުންފުންޏަކުން ހަދައިދީފައި ވަނިކޮށް ބިދޭސީންގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، ބްލެކް ލިސްޓުކޮށްފައިވާ މެލޭޝިއާގެ ބެސްޓިނެޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން އިހުސާން، ފުލުހުންގެ ތަހުގީގުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ތުހުމަތު ކޮށްފައިވެއެވެ.

ސައްހަ ނޫން ފޯމުތަކުގެ މައްސަލަ ބެލުމަށް އެމްޑީޕީން ގޮވާލާފައިވާ އިރު، ޕާޓީތަކުން ސައްހަ ނޫން ފޯމުތައް ހުށަހަޅާ މައްސަލައަށް ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ޕާޓީތަކަށް މީހުން ވެއްދުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފައެވެ. އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 14ގެ ނިޔަލަށް ފޯމު ބަލައިގަތުން ވަގުތީގޮތުން މެދުކަނޑާލައި، އަންނަ މަހުގެ 15 އިން ފެށިގެން އީފާސް މެދުވެރިކޮށް ޕާޓީތަކަށް ވަދެވޭ ގޮތަށް ބަދަލުކުރުމަށް ނިންމާފައިވެއެވެ.