ރާއްޖޭގެ އަވަށްޓެރި ގައުމުތައް މުހިންމުވާނެ ކަމަށާއި އެއީ ބަދަލު ކުރެވޭނެ ހަގީގަތަކަށް ނުވި ނަމަވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުވާ ގޮތަށް ހުރިހާ ގައުމަކާއެކުވެސް ގުޅުން ބަދަހިކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމުގެ ކުރިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ، ރާއްޖޭގެ މަސްލަހަތު ހިމާޔަތްވާ ގޮތަށް ދިވެހީންނަށް އިސްކަން ދިނުން ކަމަށެވެ.
"އަވަށްޓެރިން އަޅުގަނޑުމެންނަށް ވަރަށް މުހިންމުވާނެ. އެ ހަގީގަތް ބަދަލެއް ނުވާނެ. އަވަށްޓެރީންނަކީ އެންމެ ގާތް ރަހުމަތްތެރިން. އެކަން އެހެން އޮވެމެ އަދި އެބަ ޖެހޭ ދިވެހީންނަށް އެންމެ ފައިދާވާ ހުރިހާ މަގެއް ފަހިކުރަން. އަދި ދިވެހީންނަށް އިސްކަންދީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުވާ ނަމަ ގައުމަށް ފައިދާވާ ހުރިހާ މަގެއް ބަލަން ބޭނުންވޭ،" ރައީސް ވިދާޅުވިއެވެ.
އެސްޓޯނިއާއަކީ ޑިޖިޓަލް ދާއިރާއިން މުޅި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އަދި އެންމެ ކާމިޔާބު ގައުމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ކުރެވޭ މަސައްކަތުގައި އެ ދަތުރުފުޅުން ކަންކަން ދަސްކުރައްވައި، އެހީތެރިކަން ހޯދޭނެ ގޮތްތަކާއި އެކަމުގައި ކުރިއަށް ދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މި ދަތުރުފުޅުން ދިވެހިރާއްޖެއާއި ދިވެހީންނަށް ބޮޑެތި ފައިދާތަކެއް ކުރާނެކަން ރައީސް ފާހަގަކުރެއްވިއެވެ. މި ލިބިވަޑައިގެންނެވި ތަޖުރިބާ އަކީ މުހިންމު މައުލޫމާތުތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ދޭ ހުރިހާ ހިދުމަތެއް މި ދައުރުގެ ތެރޭގައި ޑިޖިޓަލް ކުރައްވާނެ ކަމަށެވެ.