ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަހުމަދު ސަލީމް (މާޒް ސަލީމް) އަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މަރުގެ އިންޒާރު ދިން މައްސަލަ ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
މިހާރު އެމްޑީޕީގައި އިސް މަސައްކަތްތަކެއް ކުރައްވާ މާޒް ސަލީމް، މިރޭ "ވަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ ވަޓްސްއެޕް މެދުވެރިކޮށް މަރުގެ އިންޒާރުދޭ އޯޑިތަކެއް ލިބެމުންދިއުމާ ގުޅިގެން، ރޭ 11:30 ހާއިރު ފުލުހަށް ގުޅުމުން، އެ މައްސަލަ ލޮގްކޮށްލާނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ސުވާލެއް ފުލުހުން ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދަރި ފޮނުވައިގެން މަރާލާނަމޭ ބުނެ އިތުރަށް އިންޒާރުދޭން ފެށުމުން އަޅުގަނޑު އަލުން ފުލުހަށް ގުޅީ. އައިއޯއާ ބައްދަލުކުރުމަށް ހެންވޭރު ޕޮލިހަށް ދާން އެދުނީ. އެތަނަށް ރޭ ދިޔަ އިރު، އިނީ އަންހެން ކުއްޖެއް އެކަނި. އެކުއްޖާ ކީއްކުރަންތޯ ސުވާލުކުރުމުން ބުނިން، އައިއޯއަކާ ބައްދަލުވާނެއޭ ބުނުމުން މައްސަލައެއްގައި ބަޔާންދޭށޭ މިއައީ. ދެން އެ ކުއްޖާ އެހެން މީހަކަށް ގުޅާފައި އަޅުގަނޑު އަތަށް ދިނީ. އެމީހަކު އަޅުގަނޑު ކައިރި ބުނި، މިއަދު ބަޔާން ނުނެގޭނެއޭ، މާދަމާއޭ ދެން ވާނީ،" މާޒް ސަލީމް ވިދާޅުވިއެވެ.
މާޒް ސަލީމް ވިދާޅުވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންއާ ގުޅުވައިގެން ނޫހަކަށް އިންޓަވިއުއެއް ދިނުމުން މިރޭ 10:30 ހާއިރު ފުލުހުން ގުޅާފައިވާ ކަމަށާއި މާދަމާ ރޭ 8:30 ގައި ބަޔާން ދިނުމަށް ހާޒިރުވުމަށް ދަންނަވާފައިވާ ކަމަށެވެ. އަދި ވަޓްސްއެޕުން މަރުގެ އިންޒާރުދީފައިވަނީ އެއް ނަމްބަރަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަކީ ކުރިން ވެސް ވަޅީގެ ހަމަލާއެއް އަމާޒުވީ މީހެއް. ސިޔާސީ މީހެއް، ހައިޕްރޮފައިލް މީހެއް، ފުލުހުންގެ ތެރޭގައި މަސައްކަތް ވެސް ކުރި މީހެއް. މިކަހަލަ ސީރިއަސް، ކްރިޓިކަލް މައްސަލައެއްގައި 24 ގަޑިއިރުވެގެންދާ އިރު، ބަޔާން ނުނެގެންޏާ ކީއްކުރާ ފުލުހުންނެއްތޯ؟. އަޅުގަނޑުގެ ގައިގައި މީގެ ކުރިން ކާރަކުން ޖެއްސި މައްސަލައެއް ވެސް ބަލައެއް ނުދިން. މިއެއް ނޫން ކުރިން އޮންނަ ޕްރޮސެސްއަކީ،" އޭނާ ވިދާޅުވިއެވެ.
މާޒް ސަލީމް އިތުރަށް ވިދާޅުވީ މައްސަލައެއް ރިޕޯޓުކުރުމުން ފުލުހުންނަށް އެ މައްސަލައެއް އަވަހަށް ބެލެންވާނެ ކަމަށާއި މައްސަލަ ރިޕޯޓުކޮށްފައި އޮއްވައި، މަރުގެ ހަމަލާއެއް އަމާޒުވުމުން ރައްޔިތުންގެ ފާޑުކިޔުން ފުލުހަށް އަމާޒުވާނެ ކަމަށެވެ. އަދި މައްސަލައިގައި ހިމެނޭ ނަމްބަރާއި ހުރިހާ އޯޑިއޯތަކެއް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.