ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. ނަމަވެސް ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ.
ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ. އެގޮތުން ފަޅޮލު ކަންޖަކީވެސް ތައްޔާރުކޮށްލަން ފަސޭހަ، އަދި ވަރަށް މީރު ކެއުމެކެވެ.
ބޭނުންވާ ތަކެތި:
3 ޖޯޑު ދޮން ފަޅޯ (ބައި އިންޗިން ބައިންޗިއަށް ކޮށާފައި)
1/2 ޖޯޑު ހަނޑޫ ( ހިމުންކޮށްފުނޑާފައި)
3 ޖޯޑު ހަކުރު
3 ޖޯޑު މާފެން
2 ޖޯޑު ކާށި ހުނި
4 ބުރި ރާނބާފަތް
ކާފޫރުތޮޅި، ފޮނިތޮށި
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ތެއްޔެއްގައި ފެން އުދާށެވެ. ފެންގަނޑު ކެކިގަތުމުން ފަޅޯތައް އަޅައިލުމަށްފަހު ރޯފިލީމަ ފެން އޮއްސާލާށެވެ. އެޔަށްފަހު ތެލި ތެރެއަށް ފަޅޯ، ހަކުރު، ރާނބާފަތް، ފޮނިތޮށި ކާފޫރުތޮޅި، އަޅައިގެން ދޭފަތުން ހާކަމުން މަޑުގިނީގައި ކައްކާށެވެ. ހަނޑޫ ފުށް 1 ޖޯޑު ކިރުގައި ގިރާލާފައި ތެއްޔަށް އަޅައިލާށެވެ. ކެކިރޯފިލުމުން މާފެން އަޅައި ކެކިގަތުމުން އުނދުންމަތިން ބާލާށެވެ. ފޮނި އެއްޗިހި ތައްޔާރުކުރާނަމަ ވަކި މިނަކަށް ހަކުރު އަޅަން ބުނިކަމުގައި ވިޔަސް ކާއެއްޗިހި ތައްޔާރުކުރާނީ އެއެއްޗެއް ތައްޔާރުކުރާ މީހަކަށް ރަހަ ހެޔޮވަރުކޮށެވެ. އެކި މީހުންގެ ރަހައިގެ މިންތައް ތަފާތުވާނެއެވެ.