ޚަބަރު

ސައްހަ ނޫން ފޯމުތަކުގެ މައްސަލަ އެމްޑީޕީން ފުލުހުންނާއި އޭސީސީއަށް ހުށަހަޅައިފި

އީޝަލް އަހުމަދު

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ "މެމްބާޝިޕް ޑްރައިވް" ހަރަކާތުގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި މައްސަލަ، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) އިން ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) ހުށަހަޅައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް ސައްހަ ނޫން ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދި މައްސަލައިގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފުލުހުންނާއި އޭސީސީއަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި މި މައްސަލަތައް ތަހުގީގުކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގައި ވެސް އެދިފައިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

މީގެ އިތުރުން ޕީއެންސީން ހުށަހަޅާފައިވާ އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ސައްހަކަން އަލުން ކަށަވަރުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ "ވަން" އަށް އިއްޔެ ވިދާޅުވެފައިވަނީ، އެކި ޕާޓީތަކުން މިހާތަނަށް 300 އަށްވުރެ ގިނަ ސައްހަ ނޫން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ސައްހަ ނޫން ފޯމުތަކުގެ މައްސަލަ ބެލުމަށް އެމްޑީޕީން ގޮވާލާފައިވާ އިރު، ޕާޓީތަކުން ސައްހަ ނޫން ފޯމުތައް ހުށަހަޅާ މައްސަލައަށް ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ޕާޓީތަކަށް މީހުން ވެއްދުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފައެވެ. އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 14ގެ ނިޔަލަށް ފޯމު ބަލައިގަތުން ވަގުތީގޮތުން މެދުކަނޑާލައި، އަންނަ މަހުގެ 15 އިން ފެށިގެން އީފާސް މެދުވެރިކޮށް ޕާޓީތަކަށް ވަދެވޭ ގޮތަށް ބަދަލުކުރުމަށް ނިންމާފައިވެއެވެ.

ސައްހަ ނޫން ފޯމުތަކުގެ މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން އިއްޔެ ވަނީ ނިންމައިފައެވެ.