މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއްކަމުން ހާއްސަކޮށް އޮފީހަށްދާ ބޭފުޅުން އެ ބޭފުޅުންގެ އިސްތަށިގަނޑާއި މޭކަޕް ރީތިކޮށް ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންކަމަށް މިއާޓިކަލުގައި ބަލައިލާނަމެވެ.
އެންމެ ފުރަތަމަ ކަމަކަށް، ވޯޓާ ޕްރޫފް މޭކަޕް ނުގެންގުޅޭ ނަމަ މިއީ އެކަން ކުރަންވީ ވަގުތެވެ. އެގޮތުން ވޯޓާ ޕްރޫފް މަސްކަރާ، ހިއުމިޑިޓީ ޑިޒައިނިން ކްރީމް ބްލަޝް އަދި އަތުޖެހޭ ހިސާބުގައި ކުޑައެއް އޮތުމަކީ މިދުވަސްވަރަށް އެންމެ މުހިންމު އެއްކަމެވެ.
މީގެ ކުރިން މޭކަޕް ޕްރައިމާއެއް ބޭނުން ނުކުރާކަމުގައި ވާނަމަ މިއީ އެކަން ވެސް ފަށަންވީ ވަގުތެވެ. މޫނު މޮއިސްޗަރައިޒްކޮށް ފައުންޑޭޝަން ހޭކުމުގެ ކުރިން ނުވަތަ ފުށްޖެހުމުގެ ކުރިން މޫނުގައި ޕްރިމާއެއް ހާކާލާށެވެ. ޕްރިމާ ހާކާލާއިރަށްވެސް މޫނުން ތަފާތު ފެނިގެން ދާނެއެވެ. މީގެ ސަބަބުން މޭކަޕް ނުފޭދި މޫނުގައި ގިނައިރު ހިފަހައްޓައިދެއެވެ.
ވިއްސާރައިރު އެންމެ ދެރަވާނީ ރީއްޗަށް މޭކަޕްކޮށްގެން ގެއިން ނުކުންނަ އިރަށް ވާރޭގައި ޖެހި މޫނުގައި ހުރި މޭކަޕްތައް ދޮވެވިގެން ދިޔުމެވެ. އެހެންކަމުން މިކަމުގެ ހައްލަކަށް އަގުބޮޑު ފައުންޑޭޝަން ބޭނުންކުުރުމުގެ ބަދަލުގައި ޕްރައިމާ ބޭނުން ކުރުމަށްފަހު މޫނުގައި ޓިންޓަޑް މޮއިސްޗަރައިޒަރެއް ބޭނުންކޮށްލާށެވެ. އޭރުން ދެ ބޭނުންވެސް ފުދުނީއެވެ.
އަބަދުވެސް ހަނދާން ކުރާށެވެ. މިދުވަސްވަރު މާގަދަޔަށް މޭކަޕް ކުރުން ބުއްދިވެރިއެއް ނޫނެވެ. ވާރޭ އޮއްސާލާނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ ވީހާވެސް މަދުން މޭކަޕް ކުރުމެވެ. ނުވަތަ ލައިޓް މޭކަޕެއް ކުރުމެވެ. ގަދަ ކުލަތަކުގެ އައިޝެޑޯއާއި، ތަފާތު ގޮތްގޮތަށް ބޯހެދުމާއި ހާއްސަކޮށް ހޫނު ދުވަސްވަރަށް ހަދާފައި ހުންނަ ލިޕްސްޓިކް ތަކަކީ މިދުވަސްކޮޅު ދުރުހެލިވުން މުހިންމު ކަންކަމެވެ.
ބައެއް އިސްތަށިގަނޑަކީ އެކި މޫސުމް ތަކަށް އެކި ގޮތަށް ރިއެކްޓް ކުރާ އެއްޗެކެވެ. އެގޮތުން ވިއްސާރައިރު ބައެއް މީހުންގެ އިސްތަށިގަނޑު ޑްރައިވެ ފްރިޒީ ވާ ގޮތް ދިމާވެއެވެ. ސެލެބްރިޓީ މޭކަޕް އާޓިސްޓުން ބުނާ ގޮތުގައި އެ ހާލަތްތަކުގައި ރަނގަޅު ޕްރޮޑަކްޓްސް އިން ހައްލު ހޯދޭނެއެވެ. އެގޮތުން ކާށި ތެލާއި ރޯސްވޯޓާ (ފިނިފެން) ބޭނުންކޮށްގެން އިސްތަށިގަނޑު ބްލޯޑްރައިކުރުމަށްފަހު ހާކާލުމުން އިސްތަށިގަނޑު ހުންނާނީ އުޖާލާކޮށެވެ.
އިސްތަށިގަނޑު ވާރެއިން ތެމިއްޖެ ނަމަ ފާހާނައަށް ގޮސް އެ ހިއްކާލާށެވެ. އެގޮތުން ފާހާނާގައި ހުރި ހޭންޑް ޑްރަޔާ އިން އިސްތަށިގަނޑު ހިއްކާލެވިދާނެއެވެ.
މިދުވަސްވަރު ޕައުޑާ ޕްރޮޑަކްޓްސް ބޭނުން ނުކޮށް ކްރީމް ޕްރޮޑަކްޓްސް ބޭނުން ކުރާށެވެ. އެގޮތުން ކްރީމް ބްލަޝް އިން ވެސް ވަރަށް ޑުވީ އިފެކްޓެއް މޫނަށް ގެނެސްދޭނެއެވެ. ވިއްސާރަ ދުވަހެއްގައި އޭގެ ސަބަބުން މޫނު ފެންނާނި އުޖާލާކޮށް ފްރެޝް ކޮށެވެ.
ވިއްސާރަދުވަސް ވަރަކީ ކޮމްޕްލިކޭޓްކޮށް މޭކަޕް ކުރަން ރަނގަޅެއް ނޫނެވެ. ހާއްސަކޮށް ލޯމަތީގައި ކުލަ ޖެއްސުމާއި މާގަދައަށް އައިލައިނާ އެޅުން ކަހަލަ ކަންތައްތަކުން ދުރުހެލިވުން މުހިންމެވެ. އެންމެ ސޭފް ގޮތަކީ މަސްކަރާއެއް ބޭނުން ކޮށްލުމެވެ.
ގެއިން ނުކުތުގެ ކުރިން މޭކަޕް ކުރަން ބޭނުން ކުރި މުހިންމު ޕްރޮޑަކްޓްސްތައް ދަބަހަށް ލައިގެން ގެންދާށެވެ. ހާއްސަކޮށް ކޮޓަން ބަޑްސް އާއި ބްލެންޑް ކުރާ ސްޕޮންޖު އަދި މޭކަޕް ރިމޫވިން ވައިޕްސް އަކީ އަތުގައި ހުރުން މުހިންމު އެއްޗެއްސެވެ.
ވާރޭގައި އިސްތަށިގަނޑު ތެމިއްޖެ ނަމަ ގަތާލާށެވެ. މިގޮތަށް ގަތާލުމަށްފަހު ފަހުން އިސްތަށިގަނޑު ރޫޅާލުމުން ހުންނާނީ ވޭވީ ކޮށެވެ. ބޭނުން ނަމަ އެދުވަހު ގަތާލާފައިވެސް ބޭއްވިދާނެއެވެ.
މޭކަޕް ކުރި ކަމުގައި ވާނަމަ އެއީ ޓިންޓަޑް މޮއިސްޗަރައިޒާ ކަމުގައިވިއަސް، ނިންމާލުމުގެ ކުރިން ސެޓިން ސްޕްރޭއެއް ބޭނުން ކުރަން އާދަކުރާށެވެ. އޭގެ ސަބަބުން މޭކަޕް ނުފޭދި މޭކަޕް މޫނުގައި ގިނަ ވަގުތު ހުންނާނެއެވެ.