ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. ނަމަވެސް ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ.
ދިވެހި ކެއުންތަކުގެ ތެރޭގައި ހިމެނޭ ކަނޑު ކުކުޅަކީ ހަމަ ގައިމުވެސް ދިވެހިންގެ ތެރޭގައި ހާއްސަ ވަރަށްވެސް މީރު ކެއުމެކެވެ.
ބޭނުންވާ ތަކެތި:
2 ޖޯޑު ކަނޑުމަސް (ކަނޑުކުކުޅަށް މަސް ކަފާފައި)
2 ސައި ސަމުސާ މުގުރި ދިރި
2 ސައި ސަމުސާ މުގުރި ދަވިއްގަނދު
1 ސައިސަމުސާ އަސޭމިރުސް
1/2 ސަމުސާ ރީނދޫ
1/2 ޖޯޑު ބޯކިރު
1 ޖޯޑު ފެންކިރު
1/2 ޖޯޑު ހުނި
1/2 ބައި ޖޯޑު ފެން
4 ފިޔާ
5 ލޮނުމެދު
12 ކާފޫރުތޮޅި
6 އިންޗީގެ ރާނބާފަތްކޮޅެއް( ހިމަކޮށް ނަގާފައި)
2 އިންޗީގެ އިނގުރު ކޮޅެއް
2 އިންޗީގެ ފޮނިތޮށި ކޮޅެއް
10 ހިކި މިރުސް (ކުޅިކުރަން ބޭނުންވާ ވަރަކަށް)
ހިކަނދިފަތް، ލޮނު،
ހަވާދު ގަނޑު ތައްޔާރުކުރުން:
ހުނި، ދެ ފިޔާ އަދި ތިން ލޮނުމެދު ހިކިމިރުސް، ދަވިއްގަނދު، ދިރި، ފޮނިތޮށިކޮޅެއް، އިނގުރު، ކާފޫރުތޮޅި، ހިކަނދިފަތް، ކުޑަ ރާނބާފަތްކޮޅެއް، ރިނދޫ މިކްސަރަށް އަޅައި ރަނގަޅަށް ހިމުންކޮށް ފުނޑާލާށެވެ.
މަސް ތައްޔާރުކުރުމަށް:
ކަފާފައި ހުރި މަސްތަކުގެ ތެރެއަށް ފުނޑި ހަވާދު ކޮޅެއްލައި ކޮންމެ މަސްކޮޅެއްވެސް އޮޅާލުމަށްފަހު ހިމަކޮށް ނަގާފައި ހުރި ރާނބާފަތުން މަސްކޮޅު ވަށައިގެން އޮޅާލާށެވެ. ރާނބާފަތަކީ މަސްގަނޑުގެ ތެރެއަށް ހަވާދުގަނޑު ލުމަށްފަހު މަސްކޮޅު ވެއްޓުނަ ނުދިނުމުގެ ގޮތުން އޮޅަން ބޭނުންކުރާ އެއްޗެކެވެ. މިގޮތަށް ހުރިހާ މަސްކޮޅެއްވެސްގައިވެސް ހަވާދު ލުމަށްފަހު ރަނގަޅަށް މަސްފޮތި އޮޅައިލާށެވެ. އެއަށްފަހު އައްސާށެވެ. މިގޮތަށް ހުރިހާ މަހެއް ހުސްވުމުން ދެން ރިހަ ކައްކަން ތައްޔާރުކުރާށެވެ.
ރިހަ ކެއްކުން:
އެންމެ ފުރަތަމަ ތެއްޔަކަށް 3 ސަމުސާ ތެޔޮ އެޅުމަށްފަހު 2 ފިޔާ، ބާކީ ހުރި ކާފޫރުތޮޅިި ފޮނިތޮށި، ހިކަނދިފަތް، ރާނބާފަތްކޮޅު އަޅައިގެން ވަޅޯކޮށްލާށެވެ. ފިޔާކޮޅު ވަޅޯވާން ފެށުމުން އޭގެ ތެރެއަށް 2 ލޮނުމެދުލުމަށްފަހު ކުޑައިރުކޮޅަކު މަޑު ގިނީގައި ބަހައްޓާށެވެ. ދެން ތެލީގައި ހުރި އެއްޗިހީގެ އެއްބައި ތައްޓަކަށް ނަގާށެވެ. އެއަށްފަހު ތެލިތެރެއަށް ފެންކިރު، ފެން، މަހުގައި ލާފައި ހުރި ބާކީ ހަވާދުކޮޅު، ކުޑަ ލޮނުކޮޅެއް އަޅައިގެން 3 މިނެޓް ވަންދެން މަޑުގިނީގައި ކައްކާށެވެ. އެއަށްފަހު ތެލި ތެރޭގައި މަސްކޮޅުތައް އަތުރާލާށެވެ. ދެން މަސްތައް ރޯފިލަންދެން މަޑުގިނީގައި 20 މިނެޓް ކައްކާށެވެ. ކައްކާއިރު ދޭފަތުން ހޭކުމުގެ ބަދަލުގައި އުނދުންމަތިން ތެލި ހިއްލައިލުމަށްފަހު އަތްއަތަށް ހަލުވައިލާށެވެ. ދޭފަތުން ހާކާނަމަ މަސްތައް ފުނޑުވާނެއެވެ. ދެން ބޯކިރާއި ވަޅޯކުރި ފިޔައިން ނަގާފައިހުރި ފިޔާކޮޅު އަޅައިލުމަށްފަހު މަސްތައް ނުހާކައި ބަހައްޓާށެވެ. ކެކިގަތުމުން ލޮނުހެޔޮވަރުކޮށްފައި އުނދުން ނިވާލާށެވެ. މަތި ޖަހާފައި ތެލި އިރުކޮޅަކު ބަހައްޓަންވާނެއެވެ.