72 ވަނަ ވާރލްޑް ހެލްތު އެސެމްބްލީ ބައްދަލުވުން މިއަދު ނިންމާލައިފިއެވެ.
މި މޭމަހުގެ 20 އިން ފެށިގެން 28 އަށް ސްވިޒަލެންޑްގެ ޖެނީވާގައި ބޭއްވި 72 ވަނަ ވާރލްޑް ހެލްތު އެސެމްބްލީ ބައްދަލުވުމުގައި، 194 ގައުމެއްގެ ސިއްހީ ދާއިރާގެ އިސްފަރާތްތައް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވި ވަފްދުގެ އިސްވެރިއެއްގެ ގޮތުން ހުންނެވީ ހެލްތު މިނިސްޓަރ އަބްދު ﷲ އަމީންނެވެ.
މި ބައްދަލުވުމުގައި، މިނިސްޓަރ އަމީންވަނީ، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ސިއްހީ ދާއިރާއަށް ދިމާވާ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ތަފާތު ކާރިސާތަކުގައި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުން މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.
އަދި ވައި ނުސާފުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނާގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ބޭއްވި ރައުންޑް ޓޭބަލް ޑިސްކަޝަންއެއްގައި މިނިސްޓަރ އަމީން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ޑިސްކަޝަންގައި މިނިސްޓަރ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގައި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާއި މީހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.
2023 ވަނަ އަހަރު ޓްރާންސް ފެޓް އެކުލެވޭ ބާވަތްތަކުން އެއްކޮށް ދުރުވުމަށް ޑަބްލިއުއެޗްއޯއިން އަމާޒު ހިފާފައިވާއިރު އެކަމާ ގުޅިގެން ބޭއްވި އިވެންޓުގައިވެސް ރާއްޖޭގެ ވަފުދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަމައެހެންމެ 2033 ވަނަ އަހަރު ރާއްޖެއަކީ ޓީބީ ނައްތާލެވިފައިވާ ގައުމަކަށް ހެދުމުގެ ގޮތުން ކުރަމުން ގެންދާ މަސައްކަތްތައް ހަލުވި ކުރުމާ ބެހޭގޮތުން "ސްޓޮޕްޓީބީ"ގެ އެގްޒެކެޓިވް ޑިރެކްޓަރާ ދިވެހިރާއްޖޭގެ ވަފުދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެކަމަށް ބޭނުންވާ އާލާތްތަކާއި ބޭސްތައް ފަސޭހައިން ރާއްޖެއަށް ލިބޭނެ ގޮތްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.