އިބްރާހިމް ޒަކީ
ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)ގެ ނާއިބު ރައީސްކަމަށް މޫމިނާ ވަހީދު މ. ޖީނާ، އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސް ކަމަށް މޫމިނާ އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، މޫމިނާގެ ނަން މަޖިލީހަށް ހުށަހަޅުއްވައި ދެއްވައި މަޖިލީހަށް ފެނިވަޑައިގަންނަވާގޮތެއްގެ މަތިން އެނަން ފާސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސްގެ ސިޓީފުޅު، މަޖިލީހުގެ އަމީން އާއްމު ފާތުމަރު ނިއުޝާ މަޖިލީހުގެ ތަޅުމަށް އިއްވުމުން، މޫމިނާގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުއްވިކަން ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް އިއުލާން ކުރެއްވިއެވެ.
މޫމިނާ އަކީ މިހާރުވެސް އެޗްއާރްސީއެމްގެ މެންބަރެކެވެ. އޭނާ އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އެމްޑީޕީ ސަރުކާރުގައި އަށެއް ސެޕްޓެމްބަރު 2020ގައެވެ.
މުއުމިނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީއިން މާސްޓާސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) ފުރިހަމަ ކުރައްވައިފައެވެ.