ލޯމާފާނަކީ ކޮބައިބާވައެވެ. އެއީ ރަދުންގެ އަމުރުފުޅުތަކާއި ތާރީޚީ ވާހަކަތައް ލިޔުމަށް ލޮއިން ނުވަތަ އެނޫންވެސް ވިރިކެކޭ މައުދަނަކުން ހަދައިފައި ހުންނަ ހަނިދިގު ފޮތިތަކެކެވެ. މިއެއްޗެއް މައުދަނުގައި ކަނޑައި ނަގައިގެން ލިޔުމުގެ ބޭނުމަކީ ވީހާވެސް ގިނަދުވަހަށް ސަލާމަތުން ބެހެއްޓުމެވެ. ދުނިޔޭގެ ގަދީމީ ހަޟާރަތްތަކުގައިވެސް އެކަންކޮށްފައިވާ އަދި ކުރަމުންއައި ބީދައިންނެވެ. ރާދަވަޅިޔަކީ ލޯމާފާނަށް ވުރެ މާފަހުން ތައާރަފުވި އެއްޗެކެވެ. މައިގަޑުގޮތެއްގައި ހުރީ ކަރުދާހުގައެވެ. އެއީ ރަސްރަސްކަލުންގެ ތާރީޚެވެ. ކަންކަން ހިނގާފައިވާ ގޮތުގެ ތަރުތީބެވެ. ހާދިސާތަކެވެ. ގިނަ ރާދަވަޅިތައް ލިޔެވިފައިހުރީ އެވޭލާ އަކުރަކުން ނުވަތަ ދިވެސް އަކުރަކުންވެސް ނޫނެވެ. ތާނައިންނެވެ. އިހުގެ ބޯދާ ތާނައިންނެވެ. ތާނަޔަކީ މީގެ ގާތްގަޑަކަށް ހަތަރުސަތޭކަ އަހަރެއްހައި ދުވަސްކުރިން ތައާރަފުވި އެއްޗެކެވެ. ލޯމާފާނާއި ޚިލާފަށް ރާދަވަޅިޔަކީ ގިނަދުވަސްވުމުން ހަލާކުވެ ފަނާވެގެންދިޔުން ގާތް އެއްޗެކެވެ. ލިޔުމަށް ބޭނުންކުރެވޭ ތަކެތީގެ ގޮތުންނެވެ.
މިޒަމާނުގައިނަމަ ރާދަވަޅިޔާ އެންމެ ގާތްކުރާ އެއްޗަކީ ރައިސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓޭ ބުނެވިދާނެއެވެ. ކޮންމެއަކަސް މަތީގައި ބަޔާންކުރެވުނު ފަދައިން އެންމެ އެވޭލާ އެއްޗަކީ ލޯމާފާނެވެ. ލޯމާފާނުތަކުގެ ތެރެއިންވެސް މިހާތަނަށް ހޯދިފައިވާ އެންމެ ދުވަސްވީ އެއްޗަކީ އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނެވެ. ދާދިއެކުއެކީގައި ލިޔެފައިވާ ދެ ލޯމާފާނެކެވެ. ހުރީވެސް ދާދި އެއްވާހަކަ ތަކެކެވެ. އެހެންވީމާ ރާއްޖޭގެ ތާރީޚު ޑޮކިއުމަންޓް ކުރުމުގެ ފެށުން ކަމަށް ބަލަންޖެހެނީ އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނެވެ. ދިވެހި ތާރީޚުގެ އެންމެ އަގުބޮޑު ޑޮކިއުމަންޓަކީ އެގޮތުން މި ލޯމާފާނުތަކެވެ. މިދެންނެވި ލޯމާފާނަކީ ޚަޒާނާއެއްކަމަށް ބަލަންޖެހޭއިރު އަޅުގަޑުމެން އެޔަށް ދީގެން މިތިބީ ކޮންކަހަލަ އިއްޒަތަކާއި ޝަރަފެއް ބާވައެވެ. އެ ލޯމާފާނުގައި ބަޔާންކޮށްފައިވާ ބައެއް ވާހަކަތައް މިތިބީ ނަފީކޮށްގެންނެވެ. ތާރީޚު ލިޔެ ފަތުރަމުން މިގެންދަނީ ދަނބިދޫ ލޯމާފާނާއި އިސްދޫ ލޯމާފާނުގައިހުރި ބައެއް ވާހަކަތައް ދޮގުކުރަމުންނެވެ.
މާފަހަކުން ލިޔެވުނު މާދެރަވަރު ތަކެއްޗަށް މިތިބެވެނީ ތަބާވެގެންނެވެ. މުޅި ވާހަކައިގެ ޚުލާސާއަކީ މިއެވެ. ކޮންމެވެސް ސަބަބުތަކާއެކު އަޅުގަޑުމެން މިތިބީ ނުވަތަ މިތިބެވެނީ ތާރީޚު ލިޔުމުގައި ރިއާޔަތްކުރުން ލާޒިމު ތަރުތީބު އޮޅުވައިލައިގެންނެވެ. އެހެންވީމާ މިލިޔުމުގައި ބަލައިލާން ގަސްތު މިކުރަނީ އެފަދަ ތިންކަމަކަށެވެ. ރާއްޖެ އިސްލާމްވިތާ ބަރާބަރު 41 އަހަރު ފަހުން ރަސްކަމަށް ވަޑައިގަތް ގަޑަނާދީއްތަ މަހާރަދުންގެ ރަސްކަމުގެ 3 ވަނަ އަހަރު، ރަދުންގެ އަމުރުފުޅަށް ލިޔުނު އިސްދޫ ލޯމާފާނުގައި އަދި ދަނބިދޫ ލޯމާފާނުގައި އޮތީ ދަރުމަވަންތަ ރަސްގެފާނު 35 އަހަރު ރަސްކަން ކުރެއްވި ކަމަށާއި އޭގެފަހުން ދެ ރަސްކަލަކު، ކޮންމެ ރަސްކަލަކު 9 އަހަރު ރަސްކަން ކުރެއްވުމަށް ފަހު ގަޑަނާދީއްތަ ރަދުން ރަސްކަމަށް ވަޑައިގަތް ވާހަކައެވެ. ވީމާ ދަރުމަވަންތަ ރަސްގެފާނުގެ ރަސްކަން ނިމުމާއި ގަޑަނާދީއްތަ ރަދުންގެ ރަސްކަން ފެށުމާ ދެމެދު ވަނީ އެންމެ 18 އަހަރެވެ.
ދަރުމަވަންތަ ރަސްގެފާނުގެ ރަސްކަމާ މިހާގާތުގައި ލިޔެފައިވާ ދައުލަތުގެ ރަސްމީ ލިޔުމެއް ދޮގުކުރެވޭނެ އުސޫލެއް އޮވެގެން ނުވާނެތާއެވެ. އެކަމަކު މި ލޯމާފާނުތައް ނަފީކޮށް ދަރުމަވަންތަ ރަސްގެފާނު ރަސްކަން ކުރެއްވީ 25 އަހަރު ކަމަށް މިތިބީ ރަސްމީކޮށް ނިންމައިގެން ތާރީޚުގައިވެސް ލިޔެ ސިލްޖަހައިގެންނެވެ. މާފަހަކުން ލިޔެފައިވާ ރާދަވަޅިއެއްގައި ފަންސަވީސް އަހަރޭ އޮވެގެންނެވެ. ފެނިގެންނެވެ. މިފަދަ ނިންމުމެއް ނިންމައިގެން އުޅެނީ ތާރީޚީ ގޮތުން އިސްކަންދޭން ޖެހޭ މަސްދަރުތަކާއި ތަރުތީބަކީ ކޮބައިކަން އަޅުގަޑުމެންނަށް ނޭނގޭތީކަން ކަށަވަރެވެ. ވަރަށްގިނަ ރާދަވަޅި ހުއްޓެވެ. އޭގެ ތެރެއިން ބައެއް ރާދަވަޅީގައި ދުނެއި/ދޮނެއި (ދޮވެމި) ކަލަމިންޖާ ރަސްކަން ކުރެއްވީ "ލދ" (35) އަހަރު ކަމަށް ލިޔެފައި ހުރިއިރު، އަނެއްބައި ރާދަވަޅީގައި "ލފ" (25) އަހަރުކަމަށް ލިޔެވިފައި ހުއްޓެވެ. މިއީ ބެލެވޭ ގޮތުގައި ނަކަލުގެ ކުށެވެ. މިކަމުގެ ނަތީޖާއަކީ ކޮބައިތޯއެވެ. ދިވެހިރާއްޖޭގެ ފުރަތަމަ މުސްލިމް ރަސްގެފާނުގެ ތާރީޚުވެސް އޮޅުނީއެވެ.
ތާރީޚު އިލްމުގެ އުސޫލަކީ އެއްގޮތްވާ އަދަދު ނެގުމެވެ. އެކަމަކު މިކަންކުރި ބަޔަކު އިސްކަންދިނީ ރާދަވަޅިންވެސް ތަފާތުކޮށް ފެނުނުތަނުން ތަފާތުކޮށްލާށެވެ. ދެންއޮތީ އެހެން ވާހަކައެކެވެ. އެންމެ ބޮޑު އޮޅުމުގެ ވާހަކައެވެ. އޮޅުވައިލުމުގެ ވާހަކައެވެ. ދިވެހިރާއްޖެ ރަސްމީގޮތުން އިސްލާމްވުމަށް މެދުވެރިވި ކަލޭގެފާނުގެ ވާހަކައެވެ. އިސްކަންދަރު އެއްވަނަ މަހާރަދުންގެ ލިޔުމާއި އިމާދުއްދީނު ދެވަނައިގެ ދުވަސްވަރުގެ ރަސްމީ ލިޔުންތަކާއި ދޮންބަންޑާރައިންގެ ދުވަސްވަރުގެ ލިޔުންތަކާއި ޣިޔާސުއްދީނު ރަދުންގެ ރަސްމީ ލިޔުންތަކާއި ދިވެހީންގެ ޒަމާންވީ ފާތިހާ ފޮތްތަކާއި މުއީނުއްދީނު އެއްވަނަޔާއި މުސްކުޅި ބަންޑާރައިންގެ ރަސްކަމުގެ ލިޔުންތަކާއި ދޫދޫމަތިން އައިސްހުރި ހުރިހާ ވާހަކައެއްގައި ރާއްޖެ އިސްލާމް ކުރެއްވީ ޔޫސުފު ތަބްރޭޒީއެއް ކަމަށް އެބައޮވެއެވެ. ތަބްރޭޒުގެފާނުގެ ވާހަކަ އެބަ އޮވެއެވެ. އެހެންއޮއްވައި، އެތައް ކުށަކާއި ދޮގެއް ހިމެނޭކަން ސާބިތުވެފައިވާ އިބްނު ބަތޫތާގެ ދަތުރުނާމާއަށް މިތިބީ ބަރޯސާވެގެންނެވެ.
ރާއްޖެ އިސްލާމް ކުރެއްވީ ބަރުބަރީއެއް ކަމަށް ނިންމުމަކީ ވަރަށް ދެކޮޅު ނުޖެހޭ، އަދި ތާރީޚީ އިލްމުގެ އުސޫލުތަކާ މުޅިން ޚިލާފު ކަމެކެވެ. ދެންއޮތީ އަނެއްކާވެސް އެހެން ވާހަކައެކެވެ. ތާރީޚު ދަތުން ކުޑަވީމާ، ތާރީޚަށް އިންކާރުކުރީމާ، ތާރީޚު އޮޅުވައިލީމާ އަޅުގަޑުމެންގެ ސަރަހައްދުވެސް ވަކިކުރަން އަޅުގަޑުމެންނަށް ނޭގޭކަމުގެ މިސާލެއްގެ ވާހަކައެވެ. ފޯޅަވަހީގެ ވާހަކައެވެ. ފޯޅަވައްސާ ބެހޭގޮތުން ދޫދޫމަތިން ކިޔޭ ވާހަކަތަކާއި، ދިވެހި މާލިމީންގެ ލިޔުންތަކުގައި އެއީ ރާއްޖޭގެ ޢަރުޟުގެ ތެރޭގައި ހިމެނޭ ތަނެއްކަމަށް ލިޔެފަައި ހުއްޓައި، އަދި ރާއްޖޭގެ ރަސްކަލުންގެ ލަގަބުގައި ފޯޅަވަހީގެ ރަށްތަކުގެވެސް ރަސްގެފާނުކަމަށް ލިޔެފައި އެހެން ދައުލަތްތަކާ ކޮށްފައި ހުރި މުއަމަލާތްތަކުން ފެންނަން ހުއްޓައި، އަދި ފޯޅަވަހީގެ ރަށްތަކަކީ ރާއްޖޭގެ އެހެންވެސް ރަށްތަކާ އެއް އައްޓެއްގައި ހުރި މުރަކައިގެ ރަށްތަކެއް ކަމަށް ވާއިރު، އެއީ މާފަހުން ދައުލަތަކަށްވި މޮރިޝަސްގެ ބައެއް ކަމަށް ހަދައިދޭން ދިވެހީން އުޅުމަކީ ކުޑަކަމެއްތޯއެވެ. އެއީ ދުނިޔޭގެ ފަހުޒަމާނުގެ އަޖައިބުތަކުގެ ތެރެއިން އަޖާއިބަކަށް ނުވޭތޯއެވެ.